ކޯވިޑް-19ގެ ވެކްސިން ބަންދުކޮށްފައިވާ ފުޅިތަކުން އިތުރު ޑޯޒުތަކެއް ނަގަން ދެކުނު ކޮރެޔާއިން ފަށައިފިއެވެ.
ދެކުނު ކޮރެޔާގައި ބޭނުން ކުރަމުންދާ ފައިޒަރ ވެކްސިން ބަންދުކޮށްފައިވާ ކޮންމެ ފުޅިއަކުން ވެކްސިންގެ ހަ ޑޯޒް ނެގޭ ވަރަށް ވެކްސިން ހުރެއެވެ. ވެކްސިން ވިއްކާ ފަރާތްތަކުން އަގު ކަނޑައަޅަނީ ކޮންމެ ފުޅިއެއްގައި ހިމެނޭ ޑޯޒްގެ ޢަދަދަށެވެ.
ވެކްސިން ބަންދުކޮށްފައިވާ ފުޅިތަކުގައި ބާކީ ހުންނަ މިންވަރު ނަގައި ބޭނުން ކުރުމަށް ދެކުނު ކޮރެޔާގެ ހަސްފަތާލުތަކުގައި ދަނީ ޚާއްޞަ ސިރިންޖެއް ބޭނުންކުރަމުންނެވެ. އެ ސިރިންޖު ބޭނުންކޮށްގެން ކޮންމެ ފުޅިއަކުންވެސް އިތުރު އެއް ޑޯޒަށް ފުދޭ މިންވަރަށް ވެކްސިން ނެގެއެވެ. ދެކުނު ކޮރެޔާއިން ބޭނުން ކުރާ އުކުޅުގެ ސަބަބުން އިތުރަށް ނަގާ ޑޯޒްގެ ރައްކާތެރިކަމާމެދު ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދައިފައެވެ. ވެކްސިން ވިއްކާ ކުންފުނިތަކުންވަނީ ހަ ޑޯޒަށް އަގުކޮށް ވިއްކާ ފުޅިއަކުން ހަތް ޑޯޒް ނަގާތީ އެކަމާމެދު ކަންވޮޑުވެފައެވެ.
ދެކުނު ކޮރެއާގެ ނޭޝަނަލް މެޑިކަލް ސެންޓަރުން ބުނީ ފުޅިތަކުގައި ބާކީ ހުންނަ މިންވަރު ބޭނުންކޮށްގެން ވެކްސިންގެ އިތުރު ޑޯޒެއް ހަމަކުރުމަކީ ރައްކާތެރި އަދި ފަސޭހަ މަސައްކަތެއްކަމަށެވެ. އަދި ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ޤައުމުތަކުން އެ އުކުޅު ބޭނުން ކުރުމަކީ ބޭނުންތެރިކަމެއްކަމަށް އެ ސެންޓަރުންވަނީ ފާހަގަކޮށްފައެވެ. ދެކުނު ކޮރެޔާގައި ބޭނުންކުރަމުންދާ ފައިޒަރ ވެކްސިންގެ 90 ފުޅިން ހަ ޑޯޒްގެ މަގުން ވެކްސިން ދެވޭނީ 540 މީހުންނަށެވެ. ނަމަވެސް ފުޅިތަކުން އިތުރު ޑޯޒެއް ނަގައިގެން ނޭޝަނަލް މެޑިކަލް ސެންޓަރުން 629 މީހުންނަށް ވެކްސިން ދީފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.