ޚަބަރު

ކޯވިޑް-19އަށް ތަހުލީލުކުރާ ނިޒާމުގެ ފައިދާ ކުޑަ: އިނގިރޭސިވިލާތުގެ މަޖިލިސް


މިހާތަނަށް 32 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ އިނގިރޭސިވިލާތުގެ ކޯވިޑް-19އަށް ތަހުލީލުކުރާ ނިޒާމުން އެދެވޭ ފައިދާއެއް ކޮށްފައިނުވާކަމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ކޯވިޑް-19ން ސަލާމަތްވުމަށް އޮތް މަގަކީ ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ތަހުލީލުކުރާ ވަރުގަދަ ނިޒާމެއްކަމަށް ވިދާޅުވެފައެވެ. ޖޮންސަންވަނީ ހޫނު މޫސުމުގައި ޤައުމު އަލުން ހުޅުވުމަށް ކުރެވޭ އުންމީދުތަކުގެ އަސްލަކީ އެ ނިޒާމުކަމަށް ވިދާޅުވެފައެވެ.

ބޮޑު ޚަރަދެއް ކޮށްގެން އިނގިރޭސިވިލާތުގައި އެ ނިޒާމު ޤާއިމުކުރިނަމަވެސް އެ ޤައުމުގައި ހަލުވިކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ. އެ ޤައުމުގެ ޙާލަތަށް ހެޔޮ ބަދަލެއް އަންނަން ފަށާފައިވަނީ ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ކާމިޔާބު މަޝްރޫޢެއް ފެށުމުންނެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީން ބުނީ ތަހުލީލުކުރުމުގެ ނިޒާމަށް 32 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރިނަމަވެސް އޭގެ ހެޔޮ ނަތީޖާ ނުފެންނަކަމަށެވެ. އިނގިރޭސިވިލާތުގައި ބައްޔަށް ތަހުލީލު ކުރުމުގެ ވަރުގަދަ ނިޒާމެއް ޤާއިމުކުރުމަށް ބޮޑެތި ޚަރަދުތަކެއްކޮށް ގިނަ ވަޞީލަތްތަކެއް ބޭނުންކުރި ނަމަވެސް ބަލިމަޑުކަމުގެ ޙާލަތުން އަރައިގަތުމަށް އެ ނިޒާމުން މާ ބޮޑު ބަދަލެއް ގެނެވިފައި ނުވާކަމަށް ކޮމިޓީން ބުނެއެވެ. އެފަދަ ބޮޑު ޚަރަދެއް ކުރުމުން ފުރަބަންދުގެ ޙާލަތަށް ޤައުމު ދާން ނުޖެހޭނެކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް ދެ ފަހަރެއްގެ މަތިން ޤައުމު ފުރަބަންދުކުރަން ޖެހުނުކަމަށް ކޮމިޓީން ފާހަގަކުރެއެވެ.

އިނގިރޭސިވިލާތުގައި ބޭނުންކުރާ ނިޒާމުގެ ދަށުން ބޮޑު އަގު ދީގެން ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދައިތީ ކޮމިޓީންވަނީ އެކަމާމެދު ކަންބޮޑުވުން ފައުޅުކޮށްފައެވެ.