ޚަބަރު

އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު އަވަހާރަވެއްޖެ


އައިވަރީ ކޯސްޓުގެ ބޮޑުވަޒީރު ހާމިދު ބަކަޔޮކޯ އަވަހާރަވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހު ޞިއްޙީ މައްސަލަތަކަކަށް ފަރުވާ ހޯއްދެވުމަށް ބަކަޔޮކޯވަނީ ފަރަންސޭސިވިލާތަށް ވަޑައިގެންފައެވެ. އޭގެ ފަހުން ދެން ދަތުރުކުރައްވާފައިވަނީ ޖަރުމަނުވިލާތަށެވެ. އައިވަރީ ކޯސްޓުގެ ސަރުކާރުން ބުނީ ބޮޑުވަޒީރު ބަކަޔޮކޯ އަވަހާރަވެފައިވަނީ ޖަރުމަނުވިލާތުގެ ހަސްފަތާލެއްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށްކަމަށެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 56 އަހަރުގައެވެ.

ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ބޮޑުވަޒީރު ބަކަޔޮކޯ މަސައްކަތްކުރެއްވީ ނޫސްވެރިކަމުގެ ދާއިރާގައެވެ. އޭނާ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި އަމަޑޫ ގޮން ކުލިބަލީ އަވަހާރަވުމުންނެވެ. އައިވަރީ ކޯސްޓުގެ ރައީސް އަލައްސަނީ އައުތަރާއަށްފަހު ރައީސްކަމާ ޙަވާލުވެވަޑައިގަންނަވާނީ ބަކަޔޮކޯކަމަށް އޮތީ ބެލެވިފައެވެ.