ޚަބަރު

ކުރިއަށް އޮތް ތިން އަހަރަށް މީހުން ބިނާކުރަން ޖެހޭ ޢަދަދު ދެނެގަނެވިއްޖެ: މިނިސްޓަރ


ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ކުރިއަށް އޮތް ތިން އަހަރަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތަކާއި، މީހުން ބިނާކުރަން ބޭނުންވާ ޢަދަދު ދެނެގަނެވިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތު ކާމިޔާބުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެރިޔާސީ ވަޢުދުގެ މުހިންމުކަމުގެ ސަބަބުންކަމަށެވެ. އެގޮތުން އެ ވަޢުދުގެ ސަބަބުން ތަޢުލީމަށް ލޯބިކުރާ ޒުވާނުން ތިބިކަން އެނގުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްކީމް ކާމިޔާބުވުމުގެ އަނެއް ސަބަބަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހާއި، ޔުނިވާސިޓީތަކާއި އަމިއްލަ ކޮލެޖުތައް އެއް އަމާޒަކަށް މަސައްކަތްކުރުމުންކަމަށެވެ.

"ކޯވިޑްގެ ޙާލަތުގައި ޤައުމަށް އެންމެ ބޮޑަށް އިޤްތިޞާދުގެ ދަތިކަން ކުރިމަތިވެގެން ދިޔައިރުވެސް އަޅުގަނޑުމެންގެ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް އެއްވެސް ލޮޅުމެއް ނާރާ. މިސްކީމް ހަމަ ޑިޒައިންކޮށްފައި އޮތްގޮތަށް ކުރިއަށް ގެންދެވުނު. އޭގެ އެންމެ މުހިންމު ސަބަބަކީ ރައީސްގެ ހިތްޕުޅުގައި މަތީ ތަޢުލީމަށް ދެވިފައިވާ ލޯތްބާއި ދަރަޖަ."ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ

މިނިސްޓަރ ވިދާޅުވީ، ޤައުމަށް ތައުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހަމިއްޔަތު އެނގިގެން ގޮސްފިކަމަށާއި، އެހެން ޤައުމުތަކާއި ހަމައަށް ފައި ހަމަކޮށްލެވޭނީވެސް ތައުލީމީ ޖީލެއް ބިނާކުރެވިގެންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ރާއްޖޭގައި ކިޔަވާ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ޤައުމަށް މީހުން ބޭނުންވާ ދާއިރާތަކުންކަމަށެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޙަސަން ޙަމީދު ދެއްކެވި ވާހަކަފުޅުގައި އާންމުންނާއި ސީދާ ގުޅުންހުރި މިފަދަ މަޝްރޫޢެއް ތަންފީޒްކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ފާހަގަކުރައްވާ އެކަން އިންތިޒާމްކޮށްދެއްވީތީ ރައީސްއަށް ޝުކުރު ދެންނެވިއެވެ. ޙަސަން ހަމީދު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން 10 ހާސް ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ލިބި، ބެލެނިވެރިންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ޤައުމުގެ މުސްތަޤްބަލަށް ކުރެވުނު މުހިންމު އިންވެސްޓެއްކަންވެސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.

"ހިލޭ ޑިގްރީއަށް ކިޔެވުމުގެ މަޝްރޫޢުއަށް ގެނެވޭނެ އެންމެ އެދެވޭ އިސްލާހަކީ ސަރުކާރުން ކަނޑައަޅާ ދާއިރާތަކުން ކިޔެވުމަށް ކޯސް ފީގެ އިތުރުން ކޮންމެވެސް މިންވަރެއްގެ އެލަވެންސެއް ދަރިވަރުންނަށް ދިނުން. މިކަމުގެ ސަބަބުން ރާއްޖެތެރޭގައި ދިރިއުޅޭ ފަގީރު މީހުންނަށް އަތްލެވޭ ހިސާބަށް ޑިގްރީތައް ތިލަވެގެންދާނެ."ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ޙަސަން ޙަމީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓިގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގެ ކާމިޔާބީން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ އަމާޒަށް މަސައްކަތް ހިފާފައިވާކަންކަމަށާއި، އަދި އެވަޢުދުތައް ފުރިހަމަވަމުންދާކަމުގެ ފުރިހަމަ މިސާލެއްކަމަށެވެ.

"މިސަރުކާރަށް ގާތްގަނޑަކަށް ދޮޅު އަހަރެއް ނުވެ އުޅެނިކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމާއި އަދި އެއާއެކު އެކީއައި ތަދުމަޑުކަމާއެކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދަށް އެއްވެސް ކަހަލަ ހީނަރުކަމެއް އަޔަނުދީ ދައުލަތުން 247 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިފެހެއްޓުމެއްނެތި ހޭދަކުރުމަކީ ދިވެހި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ ވަރަށް ހެޔޮ ނިޔަތުގައި ކުރާ އިޚްލާސްތެރިކަމުގެ ވަރަށް އަލިގަދަ ދަލީލެއް."އިސްލާމީ ޔުނިވަރސިޓިގެ ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވެވުމުގެ ފުރުޞަތު 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ދީފައިވާއިރު، މިހާތަަނަށް ދައުލަތުން ވަނީ 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން މިވަގުތުވެސް 7100 ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.