ކުޅިވަރު

ގަތަރު އޯޕަންގެ ކުއާޓަރ ފައިނަލުން ފެޑެރަރ ޖާގަހޯދައިފި


ގަތަރު އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ފެޑެރަރ ޖާގަހޯދީ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ ޑޭން އިވާންސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ދެކުޅުންތެރިންގެ ފަރާތުން ފެނުނު މިމެޗް ފެޑެރަރ ކާމިޔާބުކުރީ 2 ސެޓު އެއް ސެޓުންނެވެ. އެއީ ހަތެއް ހައެއް، ތިނެއް ހައެއް އަދި ހަތެއް ފަހަކުންނެވެ. މިމެޗުގެ ފުރަތަމަ ސެޓް ޓައިބްރޭކަކަށް ގޮސް ފެޑެރަރ ކުރިހޯދީ 10 ޕޮއިންޓު 8 ޕޮއިންޓުންނެވެ. ދެވަނަ ސެޓުގައި ފެޑެރަރއަށް މާރަނގަޅަށް ކުޅެވޭގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ ދެވަނަ ސެޓްގެ ހަތަރުވަނަ ގޭމްގައި އިވާންސް ކުރި ހޯދާ އެސެޓް ކާމިޔާބުކުރުމެވެ. ތިންވަނަ ސެޓް ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ފެޑެރަރ އަށް މިސެޓްގައި ކުރި ހޯދޭވަރުވީ 12 ވަނަ ގޭމްގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރަރ ހާމަކުރިގޮތުގައި ކުޅުމުގެ ތެރެއަށް އަނބުރާ އާދެވެމުން އުފާވާކަމަށެވެ. އަދި އަނިޔާއިން އެއްކޮށް ރަނގަޅުވެ ކުޅެވުނު އިރެއް ހަނދާންވެސް ނެތް ކަމަށެވެ. މިވަގުތަށް މުހިންމީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އޮޕަރޭޝަން ކުރި ކަކުލުގައި ހިއްސާތޯ ބެލުން ކަމަށެވެ. މެޗް ނިމެން ދިޔައިރު އިވާންސްގެ ބުންވަރު މާރަނގަޅުކަން ފާހަގަވި ކަމަށާއި ނަމަވެސް މިމެޗްގައި އޭނާއަށް ރަނގަޅަށް ކުޅެވުނު ކަމަށް ޤަބޫލް ކުރާ ކަމަށާއި އެކަމާ ވަރަށް ހިތްހަމަ ޖެހޭ ކަމުގައިވެސް ފެޑެރަރ ހާމަކުރިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ފެޑެރަރ ވާދަކުރާނީ ޖޯޖިއާގެ ނިލޮލޯޒް ބަސިލާޝްވިލީއާއެވެ.