ކުޅިވަރު

ބާސެލޯނާގެ މައްޗަށް ކުރިހޯދާ ޕީއެސްޖީ ކުއާޓަރ ފައިނަލަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ޕެރިސް ސެއިންޓް ޖަރމެއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޕީއެސްޖީ ޖާގަހޯދީ ފަހު 16 ޓީމްގެ ބުރުގައި އެފްސީ ބާސެލޯނާ އާއި ބައްދަލުކުރި ދެލެގްގެ މެޗް 5 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 4 ލަނޑުން އެއް ލަނޑުން ޕީއެސްޖީ ކާމިޔާބުކޮށްފައި އޮތްއިރު ރޭ ކުޅުނު ދެވަނަ ލެގުގެ މެޗް އެއްލަނޑު އެއް ލަނޑުން ވީ އެއްވަރެވެ. ޕީއެސްޖީ ގެ ދަނޑުގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއެވެ. މިމެޗްގައި ބާރސާގެ ފަރާތުންވަނީ ފުރަތަމަ ލެގާއި ހިލާފަށް ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ބާރސާއިން ބޭނުންވި ވަރަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅު ބާރސާއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މީގެތެރެއިންވެސް އޮސްމާން ޑެމްބެލޭއަށް ލިބުނު ގިނަ ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ގިނަ ހަމަލާތަށް މާ ރަނގަޅު ނުވި އިރު ނުރައްކާތެރި ހަމަލާތަށްވަނީ ޕީއެސްޖީގެ ކީޕަރ ކޭލޯ ނަވާސް މަތަކޮށްފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭއެވެ. އަދި މިމެޗުގައި ބާރސާއިން އެއްވަރުކުރި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލައޮނެލް މެސީއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިނިމި އޮއްވާ ބާރސާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް މެސީ ފޮނުވާލި ޕެނަލްޓީވަނީ ނަވާސް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ޕެނަލްޓީ ޖެހުމުގެ ކުރިން ޕީއެސްޖީ މާކޯ ވެރާޓީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެފައިވާތަން ރީޕްލޭއިން ފެނުނު ނަމަވެސް ވީއޭއާރުން އެފަދަ ކަމެއް ރެފްރީގެ ސަމާލުކަމަށް ގެނެސްފައި ނުވާތީ ޕެނަލްޓީ އަލުން ޖެހުމުގެ ފުރުސަތު ބާރސާއަށް ދީފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ މިވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. އަދި ބާރސާ މިވަނީ 2006-2007 ވަނަ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ނުގޮސް މުބާރާތުން ކަޓާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބާރސާގެ ކޯޗް ރޮނާލްޑް ކޫމަން ހާމަކުރިގޮތުގައި މިމެޗުގައި އޭނާގެ ޓީމްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު ބާރސާގެ މުސްތަޤުބަލް އުޖާލާކަން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ މެސީއަށް މިހާރު އެނގޭނެކަމަށެވެ. އަދި ބާރސާއަށް ފަހަކަށް އައިސް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން މެސީ އެޓީމުގައި މަޑުކުރުމަށް ކްލަބުން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކޫމަން ހާމަކުރެއެވެ. ކޫމަން ހާމަކުރިގޮތުގައި އެޓީމުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް މޮޅުކުޅުމެއް ފަހަކަށް އައިސް ދައްކަމުންދާ ކަމަށެވެ. އަދި މިފަހަރު ޗެމްޕިއަންސް ލީގުން ބާރސާ ވަކިވެގެން މިދިޔައީ މިދިޔަ ސީޒަނާއި ޚިލާފަށް އެޓީމްގެ އަސްލު ކުޅުން އަލުން ދައްކާލުމަށްފަހު ކަމަށާއި މިއީ ރަނގަޅު ފެށުމަކަށް ވެގެންދާނެކަމަށް އުންމީދު ކުރާކަމަށްވެސް ބާރސާގެ ކޯޗް ހާމަކުރިއެވެ.