ކުޅިވަރު

ސައުތެމްޓަން ބަލިކޮށް ސިޓީއިން 14 ޕޮއިންޓްގެ ލީޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގައި 14 ޕޮއިންޓްގެ ލިޑެއް ސިޓީއިން ނަގައިފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅު ރަނގަޅަށް ކުޅެމުންދިޔަ ތަން ފެނިގެންދިޔައީ ސައުތެމްޓަންގެ ފަރާތުންނެވެ. މިގޮތުން މެޗްގެ ކުރީކޮޅު ސައުތެމްޓަނުންވަނީ ސިޓީގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ.

މިމެޗްގައި ސިޓީގެ ކުޅުން ރަނގަޅުވާން ފެށީ މެޗުގެ ފުރަތަމަ ލަނޑާއެކުއެވެ. މިލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ ކެވިން ޑި ބްރުއިނަރއެވެ. މިލަނޑު ޖެހިތާ 10 މިނެޓްފަހުން ސައުތެމްޓަނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޖޭމްސް ވަރޑް ޕްރޯސްއެވެ. މިމެޗްގައި ސިޓީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 40 ވަނަ މިނެޓްގައި ރިޔާދު މަހްރެއިޒް ޖަހާދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފްގެ އިތުރުވަގުތުގައި މަހްރެއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިލްކައި ގުންޑޮގާންވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހައިދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ސިޓީއިން ޖެހި ހަތަރުވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން މަހްރެއިޒްއެވެ. ސައުތެމްޓަނުން މިމެޗްގައި ޖެހި ދެވަނަ ލަނޑު އޭގެ އެއް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ޝޭ އެޑަމްސްއެވެ. މިމެޗްގައި ސިޓީން ޖެހި ފަހު ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޑި ބްރުއިނަރއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް އަނެއްކާވެސް މިވަނީ ޕޮއިންޓު ތާވަލްގައި 14 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިހާތަނަށް ލީގުގައި ސިޓީ 29 މެޗް ކުޅެފައިވާއިރު ވަނީ 68 ޕޮއިންޓް ލިބިފައެވެ. އަދި ބާކީ 9 މެޗް އޮތުމުން އިތުރު ހަމެޗުން މޮޅުވެއްޖެނަމަ ލީގު ކާމިޔާބުކުރެވޭނެއެވެ. މިމެޗުން ބަލިވުމުން ސައުތެމްޓަން އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.