ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ލިވަޕޫލް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ފަހު 16 ޓީމުގެ ބުރުގައި ޖަރުމަނު ބުންޑަސްލީގާގެ އާރް.ބީ. ލިޕްޒިގްއާއި ބައްދަލުކުރި ދެ ލެގްގެ މެޗް 4 ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް 2 ލަނޑު ސުންލަނޑުން ލިވަޕޫލް ކާމިޔާބުކުރިއިރު ރޭ ކުޅުނު ދެވަނަ ލެގްގެ މެޗްވެސް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާގުޅިގެން ހަންގޭރީގައި ކުޅުނު މިމެޗުގައި ގިނައިރު ލިޕްޒިގުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިވަޕޫލްގެ މުހައްމަދު ސަލާއެވެ. އަދި ދެވަނަ ލަނޑު އޭގެ 4 މިނެޓްފަހުން ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބި ބޭކާރު ވެގެން ގޮސްފައިވެއެވެ. މިމެޗްގައި ލިޕްޒިގަށް ލިބުނު އެންމެ ރަނގަޅު ފުރަސަތަކަށް ވެގެންދިޔައީ ދެވަނަ ހާފުގައި އެލެގްޒެންޑަރ ސޯލޮތު ބޮލުން ފޮނުވާލި ހަމަލާއެވެ. އެހަމަލާ އަމާޒުވީ ލިވަޕޫލް ގޯލްގެ ދަނޑިއަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމަށް ރަނގަޅަށް ކުޅެވުން ކަމަށާއި އަދި ފަބީނިއޯ މިމެޗްގައި އެޓީމުގެ މެދުތެރެއިން ދެއްކި މޮޅު ކުޅުމަށް ތައުރީފް ކޮށްފައެވެ. މިސީޒަންގައި ލިވަޕޫލަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާއި ގުޅިގެން ފަބީނިއޯ ގިނައިން ބޭނުން ކުރަމުން އަންނަނީ ޑިފެންސްގައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކޮންމެ ޓީމެއްވެސް ވާދަކުރަނީ މުބާރާތް ކާމިޔާބު ކުރުމުގެ މަޤްސަދުގައި ކަމަށާއި ކޮންމެ ޓީމަކާއި ކުއާޓަރ ފައިނަލްގައި ކުރިމަތިލާން ޖެހުނު ނަމަވެސް އުނދަގޫ ވާނެކަމަށާއި ދެން އޮތީ ގުރުއަތުލުމުން ދިމާވާ ޓީމެއް ބެލުމަށް އިންތިޒާރު ކުރުންކަމަށެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހުކުރު ދުވަހުއެވެ.