ޚަބަރު

ހިލޭ ޑިގްރީގެ ފުރުޞަތުގެ ބޭނުން 10،000 ދަރިވަރުން ހިފައިފި - ރައީސް


ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ސަރުކަރުން ހުޅުވާލި ފުރުޞަތުގައި 10،000އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަރުތީބަށް ބަދަލު ގެނެސްފައިވާކަމަށާ، މިހާރު މަޝްރޫޢުތައް ކުރިއަށް ގެންދަނީ ކޯވިޑް ރިކަވަރީ ޕްލޭނާ އެއްގޮތަށްކަމަށެވެ.

މިސަރުކާރުގެ އެންމެބޮޑު އެއް މަޝްރޫޢަކީ ތަޢުލީމަށް ފުުރުޞަތު ތަނަވަސް ކޮށްދެއްވުންކަމަށާ، އެގޮތުން މިހާތަނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި 10،000އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެލަނޑުދަނޑި މިދިޔަމަހު ހާސިލްވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއާއެކު މަތީ ތަޢުލީމަށް ސަރުކާރުންދޭ ފުރުޞަތުގެ ތެރެއިން ކުރިއަށްއޮތް ދެއަހަަރު ބޮޑުބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވައިދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ހަަމަޖައްސާފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40އާއި %60އާ ދެމެދުގެ ޢަދަދަކަށެވެ.