ވިޔަފާރި

އެސްޑީއެފްސީ ރިކަވަރީ ލޯނުގެ ގްރޭސް ޕީރިއަޑަށް އިތުރު 6 މަސް ދެނީ


އެސްޑީއެފްސީ ރިކަވަރީ ލޯނުތައް ދައްކަން ފަށަންޖެހޭ މުއްދަތު 6 މަހަށް އިތުރު ކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީން ދޫކުރި، މިލޯންތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މިދަތި ދަނޑިވަޅުގައި އިގްތިސާދު އަރައިގަތުމަށް ދޫކުރެވިފައިވާ ލޯންތަކެއް ކަމަށެވެ. އެހެންކަމުން މި ލޯންތައް ދެއްކުމަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމުގެ ގޮތުން އިތުރު 6 މަސް ދުވަހަށް ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ގްރޭސް ޕީރިއަޑް އިތުރު ކުރާއިރު، ލޯން އެޕްލިކޭޝަން އިވެލުއޭޓް ކުރުމަށް އެސްޑީއެފްސީން ގެންގުޅުނު އުސޫލަށް ބެލޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިއުލާން ކުރެވޭތާ އެއް މަސް ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެސްޑީއެފްސީން އަންގާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އެކްސްޓެންޝަން އިތުރު ކުރުމަށް އަންގާތާ 30 ދުވަހު ތެރޭގައި ލިޔެކިއުންތައް ހަމަކޮށް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނެ އުސޫލުވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކަށް މާރިޗުން ފެށިގެން 6 މަސްދުވަސް އިތުރުކޮށްދޭނެއެވެ. މިވަގުތު ގްރޭސް ޕީރިއަޑްގެ މުއްދަތު ހިނގަމުންދާ ލޯނުތަކައް މުއްދަތު ހަމަވާތާ 6 މަސް ދުވަސް އިތުރުކޮށްދެވޭނެއެވެ. އަދި މިވަގުތު ދޫނުކުރެވި ހުރި ލޯނުތަކަށް 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއޭޑެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އޯވާ ޑިއުވެފައި ހުރި ލޯންތައް ތިބި ފަރާތްތަކުން އިތުރު ކުރާނަމަ، ގްރޭސް ޕީރިއަޑަށް ބަހާލައިގެން ނުވަތަ އެއްފަހަރާ އޯވާޑިއު އެމައުންޓު ދެއްކުމުގެ އިޙްތިޔާރު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން 5000 ރުފިޔާއަށް ވުރެ ދަށް މުސާރައެއް މުވައްޒަފަކަށް ދީފައިވާ ވިޔަފާރިތަކަށާއި، އަދި ލޯނު ލާރި ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަކި ކޮށްފައިވާ ނަމަ، ގްރޭސް ޕީރިއަޑް އިތުރުކޮށް ނުދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެސްޑީއެފްސީގެ ރިކަވަރީ ލޯން ސްކީމުގެ ދަށުން މިހާތަނަށް 2204 ފަރާތަކަށް 381 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.