ޚަބަރު

މާލޭ ދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހިފައިވާ އެއްޗެއް: މިނިސްޓަރ އަސްލަމް


މާލޭ ދަފްތަރަކީ އެއިން މާބޮޑު ފައިދާއެއް ކުރާ ދަފްތަރަކަށް ނުވާއިރު، އެދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހިފައިވާ އެއްޗެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު މާލޭ ދަފްތަރާއި ގުޅޭގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭ ދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހޭ އެއްޗެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަށްރަށުން ފަހި ނުވާކަންކަން ހާސިލް ކުރުމަށް އަތޮޅު ތެރެއިން މާލެއަށް އަންނަ މީހުން މާލޭ ދަފްތަރުގައި ޖެހޭ ކަމަށެވެ. އަދި ރަށްރަށުގައި އުޅޭނެ ގެދޮރު ހުރެ ތަނަވަސްކަމާއިއެކު އުޅެވެން އޮތްނަމަވެސް ބައެއް މީހުން މާލެއަށް އައިސް މާލޭގެ ދަފްތަރުގައި ޖެހެންވީ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މާލޭގެ ދަފްތަރުގައި ޖައްސާފައިވަނީ 2018ވަނަ އަހަރު ކަމަށް މާލޭ ސިޓީން ކައުންސިލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެ އަހަރު އެކަނިވެސް 2000 ވުރެ ގިނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކުރިއިރު އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނޭކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރުމަކީ ސިޓީ ކައުންސިލުން ކުރަމުން އައި މަސައްކަތެއް ނަމަވެސް މާލޭ ދަފްތަރުގައި 2018 ވަނަ އަހަރު ގިނަ ބަޔަކު ރަޖިސްޓްރީކޮށްފައިވަނީ ސިޓީ ކައުންސިލުން އެބާރުތައް ނަގާ ހައުސިން މިނިސްޓްރީން އެކަންކަން ބަލަހައްޓަމުން އައި ދުވަސްވަރުއެވެ.