ކުޅިވަރު

ޔުވެންޓަސް ހައިރާން ކޮށްލުމަށްފަހު ޕޯޓޯ ކުއާޓަރ ފައިނަލަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގައި އިޓާލިއަން ސެރީއާގެ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކުރުމަށްފަހު މިމުބާރާތުގެ ކުއާޓަރ ފައިނަލުން އެފްސީ ޕޯޓޯ ޖާގަހޯދައިފިއެވެ. ޕޯޓޯ މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދީ ފަހު 16 އިގެ ބުރުގައި ޔުވެންޓަސް އާއި ބައްދަލުކުރި 2 ލެގްގެ މެޗް 4 ލަނޑު 4 ލަނޑުން އެއްވަރުގެ ރަށުން ބޭރުގައި ޖަހާފައިވާ ލަނޑަށް ބަލާއިރު ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ދެވަނަ ލެގްގެ މެޗް ރޭ ވަނީ ޔުވެންޓަސްގެ ދަނޑުގައި ކުޅެފައެވެ. މިމެޗް 3 ލަނޑު 2 ލަނޑުން ޔުވެންޓަސް ކާމިޔާބުކުރި ނަމަވެސް ފުރަތަމަ ލެގް 2 ލަނޑު 1 އެއްލަނޑުން ޕޯޓޯ އަމިއްލަ ދަނޑުގައި މޮޅުވެފައިވުމުގެ ސަބަބުން ރަށުން ބޭރުގައި ޖަހާފައިވާ ލަނޑުން ޕޯޓޯއަށް ކުރި ލިބުނީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޔޫވޭއިން އުފެއްދި ނަމަވެސް މިމެޗްގައި ޕޯޓޯއިން ދިޔައީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުގެ ބޭނުންކޮށް ޔޫވޭގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރީ ޕޯޓޯއެވެ. މިލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސަރޖިއޯ އޮލިވޭރާއެވެ. މިލަނޑާއެކު ޕޯޓޯއަށް 3 ލަނޑު 1 ލަނޑުގެ އެގްރިގޭޓް ނަތީޖާއެއް ލިބުމުން މިކުރިމަތިލުން ޕޯޓޯ ކާމިޔާބު ކުރާނެކަމަށް ބެލެވެން ފެށުނެވެ. ނަމަވެސް ޔޫވޭއިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފް ފެށިގެން 4 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އެޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިއުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފެޑެރީކޯ ކިއޭޒަރއެވެ. އަދި މެޗްގެ 54 ވަނަ މިނެޓްގައި ޕޯޓޯގެ ފޯވަޑް މެހްދީ ޓަރެމީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދަނޑުން ފޮނުވާލުމާއެކު ޔޫވޭގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނެވެ. އަދި މެޗްގެ 63 ވަނަ މިނެޓްގައި ކިއޭޒާ ޖަހާދިން ލަނޑުން ޔޫވޭ މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގާ އެގްރިގޭޓް ނަތީޖާ 3 ލަނޑު 3 ލަނޑުން އެއްވަރު ކުރިއެވެ. ނަތީޖާއަކަށްވީ މެޗްގެ ނަތީޖާ ނެރުމަށް 30 މިނެޓްގެ އިތުރު ދެ ހާފް ކުޅުމެވެ. އިތުރު ވަގުތުގައި ޔޫވޭއަށް ހައިރާންކަން ގެނުވީ 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޕޯޓޯ މެޗްގެ 115 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާ ޕޯޓޯ ކޮޅަށް އަނބުރާލުމުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން އޮލިވޭރާއެވެ. މިލަނޑާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދާނަމަ ޔޫވޭއިން އިތުރު ދެ ލަނޑު ޖަހަން ޖެހުނެވެ. ނަމަވެސް ޔޫވޭއަށް ބާކީ އޮތް ފަސް މިނެޓްގެ ތެރޭގައި ކާމިޔާބު ކުރެވޭވަރުވީ އެންމެ ލަނޑެކެވެ. އެއީ މެޗްގެ 117 ވަނަ މިނެޓްގައި އެޑްރިއަން ރެބިއޮ ޖަހާދިން ލަނޑެވެ.

މިމެޗުން މޮޅުވުމުން ޕޯޓޯ މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދި އެންމެ ފުރަތަމަ ދެ ޓީމްގެ ތެރޭގައި ހިމެނުނު އިރު މިއީ މިމުބާރާތުގެ މިމަރްހަލާގައި ރަށުން ބޭރުގައި ޖަހާފައިވާ ލަނޑުގެ ތަފާތުން ޔޫވޭ ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. މިނާކާމިޔާބީއާއެކު ޔޫވޭގެ ކޯޗް އަންދްރިއާ ޕީރްލޯއަށް އޮތް ޕްރެޝަރ ވަރަށް ބޮޑަށް އިތުރު ވެގެންދާނެއެެވެ. މިސީޒަންގައި ޔޫވޭއަށް މާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދެއެވެ.

ކޮޕާ އިޓާލިއާގެ ފައިނަލުން ޔޫވޭ ޖާގަހޯދި ނަމަވެސް ވޭތުވެދިޔަ 9 ސީޒަންގައި ލީގު ކާމިޔާބުކޮށްފައިވާ ޔޫވޭ އުޅެނީ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނަށްވުރެ 10 ޕޮއިންޓް ފަހަތުން ތާވަލްގެ ތިންވަނައިގައެެވެ.