ކުޅިވަރު

ފެޑެރަރ އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗް އިވާންސްއާ ދެކޮޅަށް


ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރުމަށްފަހު އެނބުރި އައިސް ގަތަރު އޯޕަންގައި ވާދަކުރާ ކުރީގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑެރަރ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ޑެން އިވާންސްއާއިކަން ޔަގީންވެއްޖެއެވެ.

މިމުބާރާތުގެ ދެވަނަ ބުރަށް ފެޑެރަރ އޮޓަމެޓިކުން ދަތުރު ކުރުމާއެކު އޭނާއަށް ޖެހުނީ ފުރަތަމަ ބުރުގައި އިވާންސް އާއި ފަރަންސޭސިވިލާތުގެ ޖެރެމީ ޗާޑީ ބައްދަލުކުރިމެޗުން މޮޅުވާ ކުޅުންތެރިއެއް ބެލުމަށެވެ. އެގޮތުން އިވާންސް އާއި ޗާޑީ ބައްދަލުކުރިމެޗް 2 ސެޓް އެއް ސެޓުން ކާމިޔާބުކުރީ އިވާންސްއެވެ. އެއީ ހައެއް ހަތަރެއް، އެކެއް ހައެއް އަދި ހައެއް ދޭކުންނެވެ.

ފެޑެރަރ ކުޅުމާއި ދުރުގައި ހުންނަން ޖެހުނީ ކަކުލުގެ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެންނެވެ. އެގޮތުން އޭނާވަނީ ވޭތުވެދިޔަ 14 މަސްވަންދެން ކުޅުމާއި ދުރުގައި ހޭދަކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އިވާންސް ބުނީ އޭނާ ކުޅޭތަން ބަލަން ފެޑެރަރ އިންދާ ފެނުމުން ހައިރާންވި ކަމަށެވެ. އަދި ފެޑެރަރއަށް އޭނާގެ ކުޅުން މިވީ ދެތިން ހަފްތާގައި ވަރަށް ފެނިފަ ހުންނާނެ ކަމަށާއި އެހެން ކަމުން އެއީ އޭނާގެ ކުޅުން ބެލުމަށްވުރެ ބޮޑަށް ފޫހިފިލުވާލަން މެޗް ބަލާލަން ދިޔާއީކަމަށް ވުން ވަރަށް ގާތްކަމަށް އިވާންސް ބުންޏެވެ. އަދި 20 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ފެޑެރަރއާއި އެއް ގްރޫޕެއްގައި ހިމެނުން އެއީ އޭނާގެ ނަސީބު މިފަހަރު ހުރި ގޮތްކަމަށްވެސް އޭނާ ހާމަކުރިއެެވެ.

ފެޑެރަރ އާއި އިވާންސް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.