ޚަބަރު

ނޮވެންބަރު 3 ގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑް މައުންޓްކޮށްފި


މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.މިއަދު ހެނދުނު  06:30 ގައި  ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަޖަހައި ގާޑް މައުންޓް ކުރުމާއެކު ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެވުނެވެ. އަދި ސިފައިންގެ އަޒުމް އާކުރުން އޮތެވެ. ސިފައިންގެ އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝެނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފެވެ.ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ ހުރިހާ އޭރިއާތަކެއްގައި މިއަދުގެ ފަތިސް ނަމާދު ޖަމާޢަތުގައި ވަނީ ކޮށްފަ އެވެ. އަދި ދިދަ ނެގުމުގެ ރަސްމިއްޔާތު އޭރިއާތަކުގައި ވަނީ ބާއްވާފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާގައި ފަތިސް ނަމާދު ޖަމާޢަތުގައިކޮށްފައި ވަނީ އިސްލާމީ މަރުކަޒަށެވެ. އަދި ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންނާއި ގިނައަދަދެއްގެ ސިފައިންގެ އިތުރުން ސިފަިއންގެ ޙިދުމަތުން ޝަރަފުވެރިކަމާއި ރިޓަޔަރކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.