ޚަބަރު

މަލީހު އިމްތިޔާޒް ކޮމިޓީއަށް ޙާޒިރުކުރަނީ


މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން ދާދިފަހުން ވަކިކުރި މުޙައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ޙަޒިރުކުރުމަށް ފާސްކޮށްފިއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މަލީހުގެ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލަން ނިންމީ، އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަގާއި ވޯޓު ނެގި ދުވަހު، އެ މައްސަލައަށް ޖަވާބުދާރީވަމުން އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީވެސް މަޖިލީހުން ބިރު ދެއްކުމުން ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ. އަދި ފުރުޞަތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީއަށް އެ މައްސަލަ ފޮނުއްވާފައެވެ. މަލީހުގެ ތުހުމަތުތަކަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން މަޖިލީހުގެ ރައީސް އެދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހެއްދެވިކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށްވެސް ފޮނުއްވާނެކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން މަލީހުގެ މައްސަލާގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އޭނާ ކޮމިޓީއަށް ޙާޒިރުކުރުކޮށް ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫންއެވެ. މެންބަރު ހާރޫން ވަނީ މަލީހުގެ ތުހުމަތުތަކަކީ ކޮން އަސާސެއްގެ މައްޗަށް ކުރާ ތުހުމަތެއްތޯ ސާފުކުރުމަށް އެދިަވޑައިގެންފައެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާ ފާސްކޮށްފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން، އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާޢިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ޖަމާލު ހައްދަވާފައި ނުވާކަމަށް ތުހުމަތުކޮށެވެ.