ޚަބަރު

އިންތިޚާބަށް ބޭނުންވާ 29 މިލިއަން އިތުރު ކޮށްދިނުމަށް ފާސްކޮށްފި


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް 29 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ފާސްކޮށްފިއެވެ. އިންތިޚަބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓު އިތުރުކޮށްދިނުމަށް ފާސްކުރީ ކޮމިޓިގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނވި މެންބަރުންގެ އިއްތިފާޤުންނެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެންމެ ފުރަތަމަ ކަނޑައެޅީ 51 މިލިއަން ރުފިޔާގެ ބަޖެޓއެކެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް އިތުރަށް 42 މިލިއަން ރުފިޔާ ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކޮމިޓިން އެދުނުގޮތަށް ބައެއް ޚަރަދުތައް އުނިކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެޢަދަދު 29 މިލިއަނަށް ކުޑަކޮށްފައެވެ. މި ބަދަލު ގެނައީ އެޗްޕީއޭއާއެކުވެސް އިތުރު މަޝްވަރާތަކެއްކޮށް، އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ލިބޭނެކަމުގެ އުންމީދު އޮތުމުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވަނީ ވިދާޅުވެފައެވެ.

މިހާރު އިއުލާންކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލައި ޢާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާ ޙިއްސާކުރައްވާފައެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނާއި އެޗްޕީއޭއިން ވަނީ އިންތިޚާބު ބޭއްވުމަށްޓަކައި ގައިޑްލައިންގައި ހުރި ފިޔަވަޅުތަކަށް ލުއިދިނުމަށް އެއްބަސްވެފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

އެކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައި ވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެއީ މެލޭޝިއާއާއި އިނގިރޭސވިލާތެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި އަށް ހާހަށްވުރެ އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާ، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.