ޚަބަރު

މަހަށް ނިކުމެ އުޅެނިކޮށް ހާލުދެރަވި މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެ


މަހަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެގެން ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ މަރުވީ ހާލު ދެރަވެގެން ހިންމަފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 9:13 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވިމީހާއަކީ ކޯވިޑް-19 ވެކްސިން އިއްޔެ ޖަހާފައިވާ މީހެއްކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިން ޖެހިފަހުން މީހަކު ނިޔާވުމާއި ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާއިރު، މިދިޔަމަހުވެސް ވެކްސިން ޖެހިފަހުން ޢުމުރުން ދުވަސްވީ ދެމަފިރިއެއް ނިޔާވުމުން އެކަންވެސް އެޗްޕީއޭއިން އަންނަނީ ތަހުގީގްކުރަމުންނެވެ. އެ ދެމީހުންނަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެފައިވާ ދެމީހުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.