ޚަބަރު

ގައިދީންނަށް ލުއިދެވޭނެ ގޮތް ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި


ޖަލުތަކުގައި ތިބި ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރެވޭ ގޮތް ބަލައި، ސަރުކާރަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖުޑީޝަރީ ކޮމިޓީއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ސިޓީ މަޖިލީހަށް ލިބިފައިވަނީ ފްލެޓްތަކުގެ މައްސަލައާއި، ގައިދީންނަށް އަދަބު ލުއިކޮށްދިނުމާއި ގުޅޭގޮތުންކަމަށެވެ.

މައާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ގައިދީން އިލްތިމާސްކުރާ ފޯމް ހުށައެޅުމަށްފަހު ޖަވާބެއް ނުލިބި ލަސްވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ރައީސް އޮފީހަށް ކަންތައްތަކެއް އެންގެވިކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އަދިވެސް އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ޖަލުތަކުގައި ހުކުމް ތަންފިޒް ކުރަމުން އަންނަ ގައިދީންނާއި ގުޅޭ ހުރިހާ މަޢުލޫމާތުތަކެއް ހޯދައި ދިރާސާކޮށް، އެކަމާއި ގުޅިގެން ސަރުކާރަށް ލަފާ އެރުވުމަށް ރައީސް ނަޝީދުވަނީ ޖުޑީޝަރީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

"ކޮމެޓީން މިހާރު ހިންގަން ޖެހިފައިވާ މަސައްކަތަކީ ޖަލުގައި ނުވަތަ ހުކުމްގައި ތިއްބެވި ހުރިހާ ފަރާތެއް ހޯއްދަވައި، އެމީހުންގެ ކުށަކީ ކޮބައިތޯ، ހުކުމަކީ ކޮބައިތޯ، ވަނަވަރަކީ ކޮބައިތޯ، އަފްއާމަށް އެދިފައިވާ އިމަކީ ކޮބައިތޯ، އަދަބު ލުއިކުރައްވަން އޮއްތޯ ޖުޑީޝިއަރީ ކޮމެޓީން އޭގެ އެންމެ ފުންމިނަކަށް ދިރާސާ ކުރެއްވުން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބި ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރެވޭ ގޮތް ބެލުމަށް ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުގެ ރައީސް އަންގަވާފައިވާއިރު، ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީންގެ ތެރެއިން ޙުކުމުގެ މުއްދަތުން ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ޤައިދީން، މުޖުތަމަޢުގެ ރައްކައުތެރިކަން ނުގެއްލޭ ގޮތެއްގެ މަތިން މުޖުތަމަޢަށް އަލުން އަހުލުވެރި ކުރުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުޠުތަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ އައު ގަވާއިދެއް އެކުލަވާލައި މިދިޔަ އަހަރު ވަނީ އަމަލުކުރަން ފަށާފައެވެ.

ޕެރޯލްގެ އައު ގަވާއިދުގެ ދަށުން ޕެރޯލްގެ ފުރުސަތު ލިބޭނީ އެޤައިދީއެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހަކަށް ވުމުގެ ފުރުޞަތު ކުޑަކަމަށް ގުޅުންހުރި އެކިއެކި އިދާރާތަކުންނާއި ޑައިރެކްޓަރ އޮފް ޕްރިޒަންސް ފާހަގަކޮށްފައިވާ ގައިދީންނަށް ކަމަށް އެޤަވާއިދުގައިވަނީ ބުނެފައެވެ. ހަމައެހެންމެ ޕެރޯލްގެ ދަށުން ދޫކޮށްލައިފިނަމަ، ޤައިދީން ކުށްކުރުމުން ދުރުހެލިވެ، ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމަޢަށް އައުމުގެ ފުރުޞަތު ބޮޑުކަމަށް ޕެރޯލް ބޯޑަށް ޤަބޫލުކުރެވެން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީއެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް 2019 އަހަރުވަނީ ލުއިކޮށްދީފައެވެ.