ކުޅިވަރު

އިންޓަރއިން ޕޮއިންޓް ތާވަލްގައި 6 ޕޮއިންޓްގެ ލީޑެއް


އިޓާލިއަން ސެރީއާގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އިންޓަރ މިލާނާއި އެޓަލާންޓާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި 6 ޕޮއިންޓްގެ ލީޑެއް އިންޓަރއިން ނަގައިފިއެވެ. އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓަލާންޓާއެވެ. ނަމަވެސް އެޓީމުން އުފެއްދި ހަމަލާތަށް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި އިންޓަރއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ މިލާން ސްކްރިނިއަރއެވެ. މިއީ މިމެޗްގައި އިންޓަރއަށް އެޓަލާންޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާވެސްމެއެވެ. މިމެޗްގައި އިންޓަރއިންވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ.

މިކާމިޔާބީއާއެކު އިންޓަރއަށް މިހާރު މިވަނީ ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 26 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކުއެވެ. އެޓީމާއި އެންމެ ގާތުން ވާދަކުރާ އޭސީ މިލާނަށް ލިބިފައިވަނީ 26 މެޗުން 56 ޕޮއިންޓެވެ. މިއީ އިންޓަރއިން ޖެހިޖެހިގެން ލީގުގައި ކާމިޔާބުކުރި ހަތްވަނަ މެޗެވެ. އަދި މިއާއެކު 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީއާ ކާމިޔާބު ކުރުމަށް އިންޓަރއިން ކުރަމުންދާ މަސައްކަތަށް މިވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ.