ކުޅިވަރު

ގަދަ ހަތަރަކަށް އެވަޓަންއިން ކުރި އުންމީދުތަކަށް ފަޑުކަމެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑަކީ މެޗްގެ 31 ވަނަ މިނެޓްގައި ޗެލްސީގެ ކައި ހަވާރޓްޒް ފޮނުވާލި ހަމަލާއެއް އެވަޓަންގެ ބެން ގޮޑްފްރޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީއިން މިމެޗްގައި ޖެހި ދެވަނަ ލަނޑަކީ މެޗްގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މިމެޗްގައި މީގެއިތުރުންވެސް ގިނަ ހަމަލާތަކެއް އެވަޓަންގެ ގޯލަށް ޗެލްސީއިން ވަނީ ފޮނުވާލާފައެވެ. މިގޮތުން ޓީމޯ ވަރނަރ، ކަރޓް ޒޫމާ، އެންގޯލޯ ކާންޓޭ އަދި މޭސަން މައުންޓް ފޮނުވާލި ހަމަލާތަށްވަނީ އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑް ވަރަށް ހުޝިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރުވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްވަނީ ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ އެގާރައިން ފުރުސަތު ދިން ކައި ހަވަރޓްޒް މިމެޗްގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ. އަދި މިމެޗުން ޗެލްސީ މޮޅުވުން ހައްގު ކަމަށާއި ނަމަވެސް ފުރަތަމަ ހާފް ވަރަށް އުނދަގޫވި ކަމަށް ޓުޗެލް ބުންޏެވެ. މިމެޗުންވެސް ޗެލްސީގެ ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށާއި މިފަދަ ޓީމެއްގެ ބެންޗުގައި އިނުމާއި އަދި އެކުޅުންތެރިންނާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ލިބޭ އުފަލެއް ކަމަށްވެސް ޓުޗެލް ބުންޏެވެ.

މިމެޗުން ބަލިވުމުން ގަދަ ހަތަރަކަށް އެވަޓަންއިން ކުރަމުންދާ އުންމީދުތަކަށްވަނީ ފަޑުކަމެއް އައިސްފައެވެ. އެވަޓަން މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 46 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ވެއްޓިފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ މިމެޗްގައި ޗެލްސީއިން އޭނާގެ ޓީމަށްވުރެ މޮޅަށް ކުޅުން ކަމަށާއި އެޓީމަށް މިކާމިޔާބީ ހައްގު ކަމަށެވެ. މިމެޗްގެ ފުރަތަމަ 30 މިނެޓް ރަނގަޅަށް ޑިފެންޑް ކޮށްގެން ކުޅެވުނު ކަމަށާއި ނަމަވެސް އޭގެ ފަހުން މެޗް އުނދަގޫވެގެންދިޔަ ކަމަށް އޭނާ ހާމަކުރިއެވެ. އަދި މިފެންވަރު ޓީމްތަކާއި އެއް ހަމައެއްގައި ކުޅޭވަރަށް ވުރެ އަދި އޭނާގެ ޓީމް ދައްކަމަށާއި މިފެންވަރުގައި ވާދަކުރާނަމަ ޓީމް އިތުރަށް ވަރުގަދަ ކުރަންޖެހޭކަމުގައި އެންޗެލޯޓީ ހާމަކުރިއެވެ.