ރ.އުގޫފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރ.އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ޚާއްސަ ރަސްމިއްޔާތެއް އުނގޫފާރުގައިވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި އެހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދާއި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމެވެ.
އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤިކުރުމުގެ މަސައްކަތުގެދަށުން، އެ ހޮސްޕިޓަލްގައި އަޅާ އެކްސްޓޭންޝަން ޢިމާރާތުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުން ނިންމުމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ރ.އަތޮޅަކީ އާބާދީގައި ސައުވީސް ހާހަށްވުރެ ގިނަ މިހުން ދިރިއުޅޭ އަތޮޅަކަށްވެފައި އުގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު ޚިދުމަތް ހޯދުމަށް ދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އާ ޢިމާރާތާއެކު، އިތުރު ބޮޑެތި ޚިދުމަތްތައް ހޮސްޕިޓަލްގައި ފުޅާވެގެން އަންނާނެކަމަށެވެ. އަދި ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް ޙައްލުވެގެންދާނެކަމަށެވެ.
ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތަކީ 3 ބުރީގެ ޢިމާރާތެކެވެ. މިނިސްޓަރ ވިދާޅުވީ މިޢިމާރާތް ޚާއްސަކުރާނީ، ޕްރައިވެޓް ރޫމްތައް ހެދުމާއި ސިއްޙީ ތަޙްލީލުތައް ހެދޭނެ ނިޒާމު ޤާއިމުކުރުމާއި އޮޕަރޭޝަން ތިއޭޓަރު ޤާއިމުކުރުމަށްކަމަށެވެ.
"ޢިމާރާތުގެ އެންމެ ތިރީ ފްލޯގައި ހުންނާނީ 10 ކޮޓަރީގެ އެމަޖެންސީ ރޫމާ، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް. އެތަނުގައި ސީޓީ ސްކޭން، 2 އެކްސްރޭ ރޫމް، އަލްޓްރާ ސައުންޑް ސްކޭން، މެމޮގްރަފީ، އަދި އެމްއާރްއައި ފެސިލިޓީ ހުންނާނެ. ފުރަތަމަ ފަންގިފިލާގައި 2 އޮޕަރޭޝަން ތިއޭޓަރާއި ލެބް ހުންނާނެ. 2ވަނަ ފަންގިފިލާގައި ފިޒިއޯ އަދި ޕްރައިވެޓް ރޫމް ހުންނާނެ." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގައި ފުޅާ ދާއިރާއެއްގައި މޯބައިލް ލެބޯޓްރީގެ ޚިދުމަތް ދޭނެކަމަށެވެ. މިއީ އެހެން ރަށްރަށުން ނަގާ ސާމްޕަލްތައް އުނގޫފާރު ހޮސްޕިޓަލްގައި ތަޙުލީލުކުރާ ޚިދުމަތެކެވެ.
އުގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމައި، 7 މަސްތެރޭ ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތަށް 72 މިލިއަން ރުފިޔާ ހޭދަވާނެއެވެ.