ޚަބަރު

މަސައްކަތުގެ މާހައުލަށް ނިކުންނަ އަންހެނުންގެ ނިސްބަތް މަދުވެއްޖެ: ޖެންޑަރ މިނިސްޓަރ


ވަޒީފާގެ ބާޒާރަށް ނިކުންނަ އަންހެނުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ދޭން ޖެހުނު އެކި ޚިދުމަތްތައް ދިނުމުގައްޔާއި ފްރަންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެނޫންވެސް މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޝާމިލްވި އަންހެނުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި އާމްދަނީއަށް ނުރަނގަޅު އަސަރު ކުރި ފަރާތްތަކަށް އެހީތެރިވުމަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިން އެހީ ލިބުނު އަންހެނުން ފިރިހެނުންނަށްވުރެ މަދުކަމަށެވެ. އެގޮތުން 20،760 މީހުންނަށް އެހީ ފޯރުކޮށްދިންއިރު އެއިން 7467 މީހުންނަކީ އަންހެނުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެތަފާސް ހިސާބަށް ބަލާއިރު އަންހެނުންގެ އަދަދު މަދުކަމާއި މިންތީގެ ތަފާތެއް ހުރިކަން އެނގޭކަމަށާއި، ވަޒީފާގެ ބާޒާރަށް ނުކުންނަ އަންހެނުން މަދުކަން އެނގޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީފާގެ ބާޒާރުގައި އަންހެނުން ޝާމިލްވާ މިންވަރު މަދުކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިިޗަރ ސާރވޭ 2019" ގެ ތަފާސް ހިސާބުތަކުން މިނިސްޓަރ ދެއްކެވިއެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ %46 އެވެ. މިއީ ރާއްޖޭގެ އެވްރެޖު މިންވަރު ކަމަށްވާ %60 އަށްވުރެ ދަށް އަދަދެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ގޭގައި ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަމަށްވެސް ވިދާޅުވެފައެވެ.

"މިގޮތަށް ކުރާ މަސައްކަތުގައި ލިޔެކިއުން ގެންގުޅުން މަދުވެފައި އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑޮކިިއުމަންޓް ލުމަށް އަންހެނުންނަށް ދަތިކަން އަޅުގަނޑުމެން ފާހަގަކުރިން. މިފަދަ ފަރާތްތަކަށް ރިޢާޔަތްކޮށް އިންކަމް ސަޕޯޓް ދިނުމުގެ މިންގަނޑުތައް ލުއިކޮށް އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރިކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން އަޅުގަނޑުމެންނަށް މިހާރު މަޢުލޫމާތުދެއްވާ." ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަންހެނުންނަށް މަސައްކަތްތެރިކަން ފޯރުކޮށްދީ އަންހެނުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ކަމަށެވެ. އަދި މިނިސްޓަރ ވަނީ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެގެން ދިޔަކަމަށް ވިދާޅުވެފައެވެ.