ކުޅިވަރު

ބާސެލޯނާގެ ރައީސް ކަމަށް ހޮއާން ލަޕޯޓާ ހޮވިއްޖެ


ސްޕެނިޝް ލަލީގާގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ އެފް.ސީ. ބާސެލޯނާގެ ރައީސް ކަމުގެ އިންތިހާބް ހޮއާން ލަޕޯޓާ ކާމިޔާބުކޮށްފިއެެވެ. މިއީ ބާރސާގެ ރައީސް ކަމަށް ލަޕޯޓާ އިންތިހާބްވި ދެވަނަ ފަހަރެވެ.

މިފަހަރުގެ އިންތިހާބް ލަޕޯޓާ ކާމިޔާބު ކުރީ ވޯޓް ލީ މީހުންގެ 54 އިން ސައްތަ މީހުންގެ ތާއީދާއެކުއެެވެ. މިފަހަރުގެ އިންތިހާބްގައި ލަޕޯޓާ ވި އެންމެ ބޮޑު ވައުދަކީ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީ ބާރސާގައި ބަހައްޓާނެކަމުގެ ވައުދެވެ. ލަޕޯޓާ މީގެކުރިން ބާރސާގެ ރައީސްކަން ކޮށްފައިވަނީ 2003 ވަނަ އަހަރުން 2010 ވަނަ އަހަރާއި ދެމެދުއެވެ. ބާރސާގެ ކޯޗްކަމާއި ޕެޕް ގާޑިއޯލާ ހަވާލުވެ ބާރސާއަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވަނީވެސް ލަޕޯޓާގެ ރައީސް ކަމުގެ ދުވަސްވަރުއެެވެ.

މިއިންތިހާބްގައި ލަޕޯޓާ އާއި ދެން ވާދަކުރި ދެ ކެނޑިޑޭޓުންގެ ތެރެއިން ވިކްޓަރ ފޮންޓްއަށް ލިބުނީ ވޯޓްލީ މީހުންގެ ތެރެއިން 30 އިން ސައްތަ ވޯޓެވެ. އަދި ޓޯނީ ފްރެއިޒާ ދިޔައީ ތިންވަނައަށެވެ. މިފަހަރުގެ އިންތިހާބްގައި ބާރސާގައި ރަޖިސްޓަރ ކޮށްފައިވާ ސަޕޯޓާރުންގެ ތެރެއިން ވޯޓް ލުމުގެ ހައްގު އޮންނަ ސަތޭކަ ނުވަހާސް ފައްސަތޭކަ އެއްތިރީސް މީހުންގެ ތެރެއިން 55 ހާސް 661 މީހުންވަނީ ވޯޓް ލާފައެވެ.

ލަޕޯޓާގެ ފުރަތަމަ ދައުރުގައި އޭނާވަނީ ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ އާއި ކެމެރޫންގެ ހުނަރުވެރި ފޯވަޑް ސެމިއުލް އެޓޫ އެޓީމަށް ގެންގޮސްފައެވެ. އަދި އޭނާގެ ރައީސް ކަމުގައި ބާރސާވަނީ ޗެމްޕިއަންސް ލީގުގެ ތަށި ދެފަހަރަށް ކާމިޔާބުކޮށް ލަލީގާ ތަށި ހަތަރު ފަހަރަށް އުފުލާލާ އަދި ކޮޕާ ޑެލްރޭވެސް ކާމިޔާބުކޮށްފައެވެ. އަދި މެސީ ދުނިޔޭގެ ފެންވަރުގައި ވިދާލީވެސް ލަޕޯޓާގެ ރިޔާސަތުގައެވެ. އިންިހާބް ކާމިޔާބު ކުރުމަށްފަހު ބޭއްވި އުފާފާޅު ކުރުމުގައި ލަޕޯޓާވަނީ ޗެމްޕިއަންސް ލީގުގައި ޕެރިހަށް އަނެއްކާވެސް ގޮސް ފަހަތުން އަރާ މޮޅުވަން މަސައްކަތް ކުރަން ގޮވާލާފައެވެ. އަދި މެސީ މިއިންތިބްގައި އޭނާގެ ދަރިފުޅާއެކު ވޯޓްލާން ދިޔަތަން ފެނުމުން ވަރަށް އުފާވި ކަމަށާއި އަދި އެއިގެންވެސް ދައްކުވާދެނީ މެސީގެ ހިތުގާ ބާރސާއަށްއޮތް ލޯބިކަމަށް އޭނާ ހާމަކުރިއެވެ.
މިފަހަރު ލަޕޯޓާއަށް ބާރސާގެ ރައީސްގެ ހައިސިއްޔަތުން ކުރަންޖެހިފައިވާ މަސައްކަތް ކުރީ ފަހަރަށް ވުރެ ވަރަށް ބޮޑުތަން އިތުރުވާނެއެވެ. މިފަހަރު ލަޕޯޓާ ބާރސާގެ ރައީސް ކަމާއި ހަވާލުމިވީ އެކްލަބާއި މެދު މީހުންގެ އިތުބާރު ގެއްލި އަދި މާލީ ބޮޑު އަނދަވަޅުގަނޑަކަށް ކްލަބް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބެލެވޭގޮތުގައި އޭނާ އެންމެ ފުރަތަމަ ކުރާނެކަމަކަށް ވެގެންދާނީ މެސީ ބާރސާގައި ބެހެއްޓުމުގެ މަސައްކަތެވެ. އެކަން ކުރެވިއްޖެނަމަ ކްލަބްގެ ސަޕޯޓަރުންގެ އިތުބާރު އޭނާއަށް ލިބިގެންދާނެއެވެ.