ވިޔަފާރި

ބީއެމްއެލްގެ އިސް 2 މަޤާމަކަށް އަންހެނުން


ބޭންކް އޮފް މޯލްޑިވްސްގެ އިސް 2 މަޤާމަށް އަންހެނުން އައްޔަންކޮށްފިއެވެ.

ބީޢެމްއެލްއިން ބުނީ ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އާއިޝަތު ސަމާހު ހަމަޖައްސާފައިވާކަމަށެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްކަމުގެ މަގާމުގައެވެ. އާއިޝަތު ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުންނެވެ.

މީގެ އިތުރުން ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަގާމަށް މަރިޔަމް ޙަމީދު ވަނީ އައްޔަންކޮށްފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ.

ބޭންކުގެ %99 މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންކަމަށް އެ ބޭންކުން ބުނެއެވެ.