ކުޅިވަރު

އެން.ބީ.އޭ. އޯލް ސްޓަރ ގޭމް ޓީމް ލެބްރޮން ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ފާހަގަކޮށްލެވޭ މެޗް ކަމަށްވާ އޯލް ސްޓަރ ގޭމް ޓީމް ލެބްރޮން ކާމިޔާބުކޮށްފިއެވެ. މިމެޗްގެ ޓީމް ލެބްރޮން ކާމިޔާބުކުރީ ޓީމް ޑުރާންޓް އާއި ބައްދަލުކޮށް 170 ޕޮއިންޓް 150 ޕޮއިންޓުންވެ.

އެން.ބީ.އޭ.ގައި ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންގެ މެދުގައި ކުޅުނު މިމެޗްގައި ޓީމް ލެބްރޮންއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 35 ޕޮއިންޓް ހޯދައިދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. މީގެއިތުރުން ޑެމިއަން ލިލާޑް އެޓީމަށް 32 ޕޮއިންޓް ހޯދައިދިންއިރު ސްޓެފަން ކަރީވަނީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީފައެވެ.

މިމެޗްގައި ޓީމް ޑުރާންޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދިން ބްރެޑްލީ ބީލްއެވެ. މީގެއިތުރުން ކައިރީ އަރވިން ވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 12 އެސިސްޓް ކޮށްފައެވެ. އަދި ޖޭސަން ޓެޓުމް އާއި ޖޭމްސް ހާޑެންވަނީ ކޮންމެ ކުޅުންތެރިޔަކު 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި މިވަގުތު ލީގުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ ޖޮއެލް އެމްބިޑް އެޓްލާންޓާއަށް ދަތުރު ކުރުމުގެ ކުރިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާތީ މިމެޗްގައި ކުޅެވޭގޮތެއް ނުވިއެވެ.
މީގެއިތުރުން އޯލް ސްޓަރ ގޭމްގެ ހަވާސާގައި ބޭއްވި މައުންޓަން ޑިއު 3 ޕޮއިންޓަރ ކޮންޓެސްޓްވަނީ އެން.ބީ.އޭގެ ތާރީހްގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ ޝޫޓަރގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ ސްޓެފަން ކަރީ ކާމިޔާބުކޮށްފައެވެ. މިމުބާރާތް ކަރީ ކާމިޔާބުކުރީ ފައިނަލް ބުރުގައި ޔޫޓާ ޖޭޒްގެ މައިކް ކޮންލޭ އާއި ވާދަކޮށް 28 ޕޮއިންޓް 27 ޕޮއިންޓްގެ ކުޑަތަފާތަކުން ކުރި ހޯދައިގެންނެވެ.