ޚަބަރު

މިދައުރުގެ ތެރޭގައި މާލޭގައި 15،000 ހައުސިން ޔުނިޓް ޢިމާރާތްކުރާނަން - ރައީސް


މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށް ދެއްވުމަށްޓަކައި މިދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި މާލެސިޓީއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ހުށަހެޅުއްވި މައިގަނޑު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ، މިހާތަނަށް ކުރެވުނު ދިރާސާތަކުގެ ތެރޭގައި މާލޭގައި ބޯހިޔާވަހިކަން ބޭނުންނާ 17،000 އާއިލާ އެބަތިބިކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ހިޔާ، މަޝްރޫޢުގެ ފްލެޓްގެ ގޮތުގައި ޢިމާރާތްކުރި 7،000 ފްލެޓްގެ ތެރެއިން 6،120 ފްލެޓް ޢިމާރާތްކޮށްފައިވާކަމަށާ، މި ފެލްޓްތަކަށް ވަންނަން އެތައް ބަޔަކު ތިބިކަމީ އޮތް އެންމެބޮޑު ގޮންޖެހުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ، ޙައްލުކުރެވޭނީ މިމައްސަލައަށް އެންމެ އެކަށީގެންވާ ޢަދަދަށް ފްލެޓް ޢިމާރާތްކުރުންކަމަށާ، އެމަސައްކަތް މިސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައު ރައީސް ވަޢުދު ވެވަޑައިގެންފައިވާ ފަދައިން މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވި 5،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. މީގެ އިތުރުން 2،000 ހައުސިން ޔުނިޓެއްގެ މަސައްކަތް އިންޑިއާގެ އެމްބީސީސީއާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މާދަމާ އިތުރު 2،000 ޔުނިޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅު ސަރުކާރުން މިދައުރުގައި މާލެ ސަރަޙައްދުގައި ޢިމާރާތްކުރަން ވަޢުދު ވެފައިވަނީ 10،000 ހައުސިން ޔުނިޓުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަޙައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މި ފްލެޓްތައް އޭގެ ހައްގު ވެރިންނަށް ދިނުމަށްޓަކައި ދުރާލައި މިކަމަށް ހުޅުވާލައި، ޕޮއިންޓު ދޭނެ އުސޫލުތައް ކަނޑައަޅައި ފްލެޓްތައް ދިނުމުގައި ހަމަހަމަ އުސޫލަކުން މަސައްކަތް ކުރައްވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.