ޚަބަރު

މަޤާމުގެ މަސްޢޫލިއްޔަތުކުން އެއްފަރާތްވާން ޖެހިދާނެ: ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު


ލުބުނާނުގެ ސަރުކާރުގެ ބޮޑުވަޒީރުގެ މަޤާމުގައި ބެލެނިވެރި ހައިޞިއްޔަތެއްގައި ހުންނެވި ހަސަން ދިޔާބު މަޤާމުގެ މަސްޢޫލިއްޔަތުތައް ޢަދާކުރެއްވުން ހުއްޓާލައްވާނެކަމުގެ އިންޒާރު ދެއްވައިފިއެވެ. އޭނާ އެގޮތަށް ވިދާޅުވެފައިވަނީ ލުބުނާނުގެ އައު ސަރުކާރު އެކުލަވާނުލެވި ދިގުދެމިގެންދާތީ އެކަމަށް ޙައްލެއް ހޯދުމަށް ސިޔާސީވެރިންނަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ލުބުނާނުގެ ބައިރޫތުގައި ހިނގި ބޮޑު ގޮވުމަށްފަހު އޭރު އޮތްސަރުކާރުވަނީ އިސްތިޢުފާ ދީފައެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމަށް ސާދު އަލްޙަރީރީ ޢައްޔަންކުރުމަށްވަނީ ނިންމައިފައެވެ. ނަމަވެސް ޙަރީރީއާއި ލުބުނާނުގެ ރައީސް މިޝެލް ޢައޫންއާ ދެމެދު އޮންނަ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވުމަށް ޙަރީރީއަށްވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

2019ވަނަ އަހަރު ލުބުނާނަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި އާންމުންނަށްވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ލުބުނާނުގެ ޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މުހިންމު އިސްލާޙީ ބަދަލުތައް ގެނެވޭނީ އައު ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމުންނެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައި ދިޔާބު ވިދާޅުވީ މަޤާމުގެ މަސްޢޫލިއްޔަތުތަކުން އޭނާ އެކަހެރިވެވަޑައިގަތުމަކީ އަޅުއްވަން ބޭނުންވާ ފިޔަވަޅެއް ނޫންކަމަށާއި އެއީ އޭގެ ސަބަބުން ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް އެހީތެރިވެދޭނެކަމެއްނަމަ އެގޮތަށް ކަންތައް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އެމަނިކުފާނުގެ މަސްޢޫލިޔައްތުތަކުން އެކަހެރިވެވަޑައިގަތުމަކީ މުޅި ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށް ދިޔާބު ވިދާޅުވިއެވެ. ޤައުމުގެ އިޖުތިމާޢީ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާކަމަށާއި މާލީ ދަތިތަކުގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވެފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.