ޚަބަރު

ފަލަސްޠީނުގެ މަސައްކަތްތެރިންނަށް ވެކްސިން ދިނުން އިސްރާއީލުން ފަސްކޮށްފި


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް ނިންމައިފިއެވެ.

ހުޅަނގު އައްސޭރީގެ 100،000އެއްހާ މަސައްކަތްތެރިން އިސްރާއީލުގައި މަސައްކަތްކުރެއެވެ. ދުނިޔޭގައި އެންމެ އަވަސް ދުވެއްޔެއްގައި ކޯވިޑް-19 ވެކްސިން ދެމުންދާ އެއް ޤައުމުކަމުގައިވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށް ނުދޭތީ އެ ޤައުމަށް ގިނަ ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލުންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ. ފަލަސްޠީނުގެ ސަރުކާރުންވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފަލަސްޠީނުގެ ސަރުކާރުން ބުނީ ފަލަސްޠީނުގެ 100،000 މީހުންނަށް ވެކްސިން ދިނުމަށް އިސްރާއީލާއެކު އެއްބަސްވެފައިވާކަމަށެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިސްރާއީލާ ގުޅޭ ސަރަޙައްދީ ރޮނގާއި އިސްރާއީލުގެ ސިނާޢީ ސަރަޙައްދުތަކުގައި ފަލަސްޠީނުގެ މަސައްކަތްތެރިންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައި އޮތީ މާރިޗު މަހުގެ 7ވަނަ ދުވަހުގައެވެ. ނަމަވެސް ފަލަސްޠީނުގެ ދާޙިލީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ އަސްކަރިއްޔާގެ ގޮފިން ބުނީ ފަލަސްޠީނަށް ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ލަސްކޮށްފައިވާކަމަށެވެ. އިސްރާއީލުން ބުނީ އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އިދާރީ ދަތިތަކެއް ހުރިކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާނެ ތާރީޚެއް ނޭނގޭކަމަށް އެ ޤައުމުން ބުނެއެވެ.