ކުޅިވަރު

ބާސެލޯނާ އެޓްލެޓިކޯ މެޑްރިޑާއި 2 ޕޮއިންޓު ގާތަށް


ސްޕެނިޝް ލަލީގާގައި އެފް.ސީ. ބާސެލޯނާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މިމެޗް ބާރސާ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގައި ބާރސާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖެހީ އެޓީމްގެ ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑީ އެލްބަރއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮސަސޫނާއަށް މެޗްގެ ނަތީޖާ އެއްވަރު ކޮށް އަދި ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވިއެވެ. މިގޮތުން އޮސަސޫނާގެ ކީކޭ ބާރހާ އާއި ރުބެން ގާސިއާ ފޮނުވާލި ދެ ހަމަލާވަނީ ބާރސާގެ ކީޕަރ މާރކް އަންދްރޭ ޓާސްޓެގަން ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. މިމެޗްގެ ދެވަނަ ހާފްގައި ބާރސާއިން އުފައްދާ ހަމަލާތަށް މަދުކުރެވޭތޯ އޮސަސޫނާއިން ވަރަށް މަސައްކަތް ކުރިއެވެ. އަދި އެޓީމުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ދެންވެސް ފެނިގެންދިޔައީ ބާރސާގެ ލަނޑެކެވެ. މި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ އިލާއިޒް މޮރީބާއެވެ. މިއީ ބާރސާއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިކާމިޔާބީއާއެކު ބާރސާމިވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 56 ޕޮއިންޓާއާއެކު ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑާއި 2 ޕޮއިންޓަށް ގާތްކޮށްފައެވެ. ނަމަވެސް އެޓްލެޓިކޯ ނުކުޅެ ދެމެޗް އެބައޮތެވެ.

ބާރސާ މިމެޗުން މޮޅުވެފައިވާއިރު މިއަދު އެކްލަބްގެ އާ ރައީސަކު ހޮވުމުގެ އިންތިހާބް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފަހަކަށް އައިސް އެޓީމަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކުން އަރައިގަތުމަށް އަލަށް ހޮވޭ ރައީސްއަކަށް ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭނެކަމަށް ބެލެވެއެވެ. މިގޮތުން އަލުން ކްލަބަށް ސަޕޯޓާރުންގެ އިތުބާރު ހޯދުމާއި ކްލަބަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމާއި ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ މެސީ ޓީމްގައި މަޑުކުރުވުން ފަދަ ކަންތައްތަކަކީ މިއަދުގެ އިންތިހާބްގައި ވާދަކުރާ ތިން ކެނޑިޑޭޓުންވެސް ވިސްނާނެ ކަންތައްތަކެވެ.

ރޭގެ މެޗުން ބަލިވުމުން އޮސަސޫނާ އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.