ކުޅިވަރު

ލާޒިއޯ ބައްދަލުކޮށް ޔޫވެންޓަސްއިން މެޗު ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ލާޒިއޯ ބައްދަލުކުރިމެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއް ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ލާޒިއޯގެ ހޯކިމް ކޯރެއާއެވެ. މިމެޗްގައި ޔުވެންޓާސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު 39 ވަނަ މިނެޓްގައި ޖަހައިދިނީ އެޑްރިއަން ރޭބިއޯއެވެ. މިމެޗުގައި ޔުވެންޓަސްއިން ލީޑު ނެގީ މެޗުގެ 57 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް މޮރާޓާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިއެވެ.

މިކާމިޔާބީއާއެކު ޔުވެންޓަސް އާއި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނާއި ދެމެދުގައިވާ ފަރަގު މިވަނީ ހަތް ޕޮއިންޓަށް ކުޑަވެފައެވެ. އަދި ދެވަނައިގާ އުޅޭ އޭ.ސީ. މިލާނާއި އެއް ޕޮއިންޓަށް ގާތްވެފައެވެ. ޔޫވޭއަށް މިހާރުވަނީ ކުޅުނު 25 މެޗުން 52 ޕޮއިންޓް ލިބިފައެވެ. އަދި ރޭގެ މެޗުން ބަލިވުމުން ލާޒިއޯ އުޅެނީ 25 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ސްޕެޒިއާ އާއި ބެނެވެންޓޯ ބައްދަލުކުރިމެޗް އެއް ލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެފައިވާއިރު އުދިނޭސީ އާއި ސަސޮއުލޫ ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ވަނީ އުދިނޭސީ ކާމިޔާބުކޮށްފައެވެ.