ކުޅިވަރު

ބަޔާން އަނެއްކާވެސް ބުންޑަސްލީގު ތާވަލްގެ އެއްވަނައަށް


ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ފަހަތުން އަރާ ބަޔާން ކާމިޔާބުކޮށްފިއެވެ. ބަޔޭންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ޑޯޓްމުންޑުން 2 ލަނޑު ޖަހާފައިވަނިކޮށް ފަހަތުންއަރާ 4 ލަނޑު ޖަހައިގެން 4 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅު ރަނގަޅަށް ކުޅެފައިވަނީ ޑޯޓްމުންޑެވެ. މިގޮތުން މެޗްގެ ދެވަނަ މިނެޓްގައި ޑޯޓްމުންޑްގެ އަރލިންގ ބްރައުޓް ހާލަންޑް ޖަހައިދިން ލަނޑާއެކު ބަޔާންއަށް ސިހުން ގެނުވިއެވެ. އަދި އެކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ޑޯޓްމުންޑްއިން ވަނީ އިތުރު ލަނޑެއް ޖަހާ ބަޔާންއަށް އިތުރު ހައިރާން ކަމެއް ގެނުވާފައެވެ. މިލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީވެސް ހާލަންޑްއެވެ. މިއީ އުމުރުން 20 އަހަރުގެ މިކުޅުންތެރިޔާގެ ކެރިއަރުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި ހާލަންޑް 100 ލަނޑު ހަމަކޮށްފައިމިވަނީ 145 މެޗުންނެވެ. ކީލިއަން އެމްބާޕޭއަށް 100 ލަނޑު ހަމަކުރެވުނީ 180 މެޗުންނެވެ. އަދި ލިއޮނެލް މެސީއަށް 210 މެޗުން 100 ލަނޑު ޖެހުނުއިރު ކްރިސްޓިއާނޯ ރޮނާލްޑޯއަށް 100 ލަނޑު ކާމިޔާބު ކުރެވުނީ 301 މެޗުންނެވެ.

މިލަނޑާއެކު މިމެޗުން ޑޯޓްމުންޑް ފަސޭހަ ކަމާއެކު މޮޅުވެދާނެކަމަށް ހީވިނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެންމެ މޮޅު ކްލަބްގެ ލަގަބުވެސް މިވަގުތު އޮތް ބަޔާންއިންވަނީ ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން މިމެޗްގައި ބަޔާންއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ބަޔާންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑުވެސް ޖަހައިދިނީ ލެވަންޑޯސްކީއެވެ. މިމެޗްގައި ފުރަތަމަ ފަހަރަށް ބަޔާންއަށް ލީޑު ނަގައިދިނީ މެޗް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ލިއޯން ގޮރެޓްޒްކާ ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި ބަޔޭންގެ ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހައިދީ ލެވަންޑޯސްކީވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ.

މިކާމިޔާބީއާކު ބަޔާން އަނެއްކާވެސްވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ވަގުތީ ގޮތުން އެއްވަނައަށް އެރި އާރް.ބީ. ލިޕްޒިގްގެ މައްޗަށް 2 ޕޮއިންޓްގެ ލީޑެއް މިވަގުތު ބަޔާންއަށް ލިބިފައިވެއެވެ. މިހާތަނަށް 24 މެޗް ކުޅެފައިވާއިރު ބަޔާންއަށްވަނީ 55 ޕޮއިންޓް ލިބިފައެވެ. ދެވަނައިގާ އުޅޭ ލިޕްޒިގަށް ލިބިފައިވަނީ 24 މެޗުން 53 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވުމުން ޑޯޓްމުންޑް މިހާރުވަނީ 24 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ވެއްޓިފައެވެ.