ކުޅިވަރު

ކިއާ އެމް.ވީ.ޕީ. އަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އެމްބިޑް


އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގެ 2020-2021 ވަނަ ސީޒަންގެ މޯސްޓް ވެލިއުބަލް ޕްލެޔަރ، އެމް.ވީ.ޕީ އަށް މިފަހަރު ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އުޅެނީ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްގެ ޖޮއެލް އެމްބިޑްއެވެ.

އެމްބިޑްވަނީ އެންމެފަހުން ކުޅުނު މެޗްގައި މިސީޒަންގެ އެންމެ ވަރުގަދަ ޓީމް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާ ޔޫޓާ ޖޭޒް އާއި ބައްދަލުކޮށް ސިކްސަރސް މޮޅުވި މެޗްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާގެ މަގާމް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެމެޗްގައި އޭނާވަނީ 40 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގާފައެވެ. އެމްބިޑް ބުނީ ރޭންކިންގ އާއި އެކަހަލަ އެހެން ކަންތައްތަކަށް ބަލާއިރު ޔޫޓާ ފަދަ ވަރުގަދަ ޓީމް ތަކާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި މޮޅަށް ކުޅެ ވަރުގަދަ ޓީމެއް އޮތް ކަން ހާމަކޮށްދީ އަމިއްލަ ކުޅުން ރަނގަޅަށް ދެއްކުން ވަރަށް މުހިންމު ކަމަށެވެ.

ލިސްޓުގެ ދެވަނައަށް މިހާރުވަނީ ޑެންވަރ ނަގެޓްސްގެ ނިކޮލާ ޔޯކިިޗް ކުރިއަށް ޖެހިލާފައެވެ. ޔޯކިޗްވަނީ އޭނާގެ ޓީމް ޖެހިޖެހިގެން ތިން މެޗުން މޮޅުވުމަށް އެހީތެރިވެދީ އޭނާގެ ކެރިއަރގައި 50 ވަނަ ޓްރިޕްލް ޑަބަލް ހަދާފައެވެ. އަދި އެއީ މިސީޒަންގެ 9 ވަނަ ޓްރިޕްލް ޑަބަލްއެވެ. މިދިޔަ ހަފްތާގައި ތިންވަނައިގައި އޮތް ޔޯކިޗް ދެވަނައަށް މި އެރީ ކުރިން ދެވަނައިގާ އޮތް ލެބްރޮން ޖޭމްސް ތިންވަނައަށް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ޖޭމްސް ތިންވަނައިގައި އުޅޭއިރު ހަތަރުވަނަ މަގާމްގައި އޮތީ ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސްގެ ޑެމިއަން ލިލާޑްއެވެ. އަދި ފަސްވަނައިގާ އުޅެނީ ޑެލަސް މެވްރިކްސްގެ ލޫކާ ޑޮންޗިޗްއެވެ.