ދުނިޔެ

އިންތިޚާބެއް ބާއްވަން ޠާލިބާނުންނާއެކު މަޝްވަރާކުރަން ތައްޔާރު


އިންތިޚާބެއް ބޭއްވުމާއި ގުޅޭގޮތުން ޠާލިބާނުންނާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ސަރުކާރުން އޮތްކަމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާއި ގުޅޭގޮތުން ޠާލިބާނުންނާއެކު ކުރަމުންދާ މަޝްވަރާތަކަށް ކުރިއެރުމެއް ހޯދުމުގެ މަޤުސަދުގައެވެ.

އަފްޣާނިސްތާނުގެ ޤާނޫނު ހަދާ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ރައީސްކަމަށް މީގެ ދެ އަހަރު ކުރިން ހޮވިވަޑައިގެންނެވި ޣަނީ ވިދާޅުވީ އަފްޣާނިސްތާނުގައި ބާއްވާ އިންތިޚާބެއް ބާއްވަން ޖެހޭނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލްތަކާއި އެއްގޮތަށްކަމަށެވެ. މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށާއި އިންތިޚާބު ބާއްވާނެ ތާރީޚަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ހަފުތާއެއް ކުރިން ރައީސް ޣަނީވަނީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ޒަލްމޭ ޚަލީލްޒާދާ ބައްދަލުކުރައްވާ، އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު ޤަތަރުގެ ދައުހާގައި ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާތަކުގައި ކުރިއެރުމެއް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ޚަލީލްޒާދުވަނީ ޤަތަރަށް ދަތުރުކުރައްވާފައެވެ. ޚަލީލްޒާދު އަފްޣާނިސްތާނުގައި ހުންނެވިއިރު އިންތިޤާލީ ސަރުކާރެއް ޤާއިމްކުރުމާ ގުޅޭގޮތުން ސަރުކާރާއި ޠާލިބާނުންނާއެކު ވާހަކަދައްކަވާފައިވާކަމަށް އަފްޣާނިސްތާނުން ބުނެއެވެ. ނަމަވެސް ރައީސް ޣަނީވަނީ އެ ޤައުމުގައި އައު ސަރުކާރެއް ޤާއިމްކުރެވޭނެ ހަމައެކަނި މަގަކީ އައު އިންތިޚާބެއް ބޭއްވުންކަމަށް ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުން މަޝްވަރާކުރުމަށްވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް އެއްބަސްވުމުގައިވާ ތާރީޚަށް މަޝްވަރާތައް ނުފެށި ލަސްވެފައި އޮތުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްވަރާތައްވަނީ ފަށައިފައެވެ. އެ މަޝްވަރާތަކުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.