ޚަބަރު

ހައްދުންމަތީ ވިޔަފާރި ބަނދަރުގެ "ފީސިބިލިޓީ" ވަނީ ބަލައި ނިމިފައި - ރައީސް


ހައްދުންމަތީ ގާދޫގައި ބަނއިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް ހަދަންޖެހޭ "ފީސިބިލިޓީ ސްޓަޑީސް" ހަދައި ނުވަތަ މަޝްރޫޢު ކުރިއަށް ގެންދެވިދާނެތޯ ބަލުމަށް ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚަބަށް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހައްދުންމައްޗަކީ މިސަރުކާރުން ތަރައްޤީގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރާނެ ސަރަޙައްދެއްކަމަށެވެ. އެގޮތުން އެއަތޮޅުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކާއި ބައިނަލްއަޤްވާމީ އެއަރޕޯޓަކާއި ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންވެސް މުހިންމު މަޝްރޫޢުތަކެއް ހިންގާ އާބާދީއާ ތަރައްޤީ އެއްފަސްވެގެންދާނެ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ލ.އަތޮޅަކީ އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުގައި ބޮޑު ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ސަރަހެއްދެއް. އެގޮތުން ވައިގެ ބަނދަރާއި، ކަނޑުމަގުން ކޮމާޝަލް ޕޯޓާއި ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި ޚާއްޞަކޮށް ޓޫރިޒަމްގެ ދާއިރާއަށްވެސް މުހިންމުކަން ދީގެން ކުރިއަށް މިގެންދަނީ. އާބާދީއާ ތަރައްޤީ އެއްފަސްވެގެންދާނެ އެއް ސަރަޙައްދުގެ ގޮތުގައި އަޅުގަނޑުމެންމަށްވެސް ޤަބޫލުކުރެވޭ." ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ހައްދުމަތިން ފަތުރުވެރިކަމަށް ރަށްތަކެއް ހުލުވާލުމަށްވެސް ނިންމަވާފައިވާކަމަށާ، އެއީ ކަށިދޫއާއި، ބޮޑުމުނިޔަފުއްޓާއި، ދޮންބެރަހާ އާއި، ހޮޅުރަހާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހައްދުންމަތީގައި ބައިނަލްއަޤްވާމީ ޕޯޓް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރާއްޖޭގެ 4 ސަރަޙައްދެއް އިޤްތިޞާދީ ހަބުގެ ގޮތުގައި ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހައްދުންމަތިވެސް އިޤްތިޞާދީ ހަބެއްގެގޮތުގައި ތަރައްޤީކުރުމަށް ނިންމައި އެމަސައްކަތް ކުރިއަށްދާކަަމަށެވެ.

"4 އިޤްތިޞާދީ ހަބުގެ ތެރެއިން ހައްދުމައްޗަކީ އެއް ހަބު. 4 ހަބު ތަރައްޤީކުރުމަށް ނިންމާފައިވާއިރު އައްޑޫއާއި އުތުރުގެ އެމަޝްރޫޢުތައް ކާމިޔާބު. މިހާރު ހައްދުންމަތީގެ ހަބުގެ މަސައްކަތް މިދަނީ ކުރަމުން. އެގޮތުން އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް. އަދި އެޑިއުކޭޝަން ހަބަކަށް ހެދުމަށް، މަސައްކަތްކުރާއިރު، ރާއްޖެއިން ބޭރުންވެސް ޓުރިޒަމްފަދަ ކަންކަމަށް ކިގަވަން އައިސް އިތުރު އިޤްތިޞާދީ ހަރަކާތްތަކެއް އޭގެތެރެއިން ލިބޭނެ މަސައްކަތް މިދަނީ ކުރަމުން." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ރަށްވެހި ފަތިސް ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެން ވަނީ ހައްދުންމައްޗަށް މިއަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ އަދި ކުރިއަށް އޮތްތަނުގައި ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.