ޚަބަރު

ކޯވިޑް-19 : ބާރަށުން އިތުރު 3 މީހުން ޕޮޒިޓިވްވެ، ޢަދަދު 25އަށް


ބާރަށުން އިތުރު 3 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދު 25އަށް އަރައިފިއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ލިބުނު ސާމްޕަލްތަކުގެ ނަތީޖާތަކުން އެރަށުން އިތުރު 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެންމެ ފަހުން މާލެ ފޮނުވި ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށާ، ޖުމްލަ 216 ސާމްޕަލް މިހާތަނަށް ނަގާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ބާރަށުގައި ކަރަންޓީނުގައި ތިބި 9 މީހެއްގެ ރިލީސް ސާމްޕަލްގެ ނަތީޖައިން، ކޯވިޑް-19އަށް ޕޮޒިޓިވްކަން ހާމަވީއިރު، އެރަށުގެ ބައެއް މީހުންވަނީ އެ 9 މީހުންނާ ކޮންޓެކްޓުވެފައެވެ. އަދި އޭގެތެރެއިން ބައެއް ޑައިރެކްޓް ކޮންޓެކްޓުންވެސްވަނީ ޕޮޒިޓިވްވެފައެވެ. ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީކޮންޓެކްޓުންގެ ކޮންޓެކްޓުންކަމަށެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް ޢަބްދުﷲ ވިދާޅުވި އިއްޔެއާ ހަމަޔަށް އެރަށުން ޖުމްލަ 216 ގެއެއް ވަނީ ކަރަންޓީން ކޮށްފައިކަމަށެވެ.