ޚަބަރު

ޗެކު ރިޕަބުލިކުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އަވަށްޓެރި ޤައުމުތަކުގެ އެހީއަށް އެދިއްޖެ


ކޯވިޑް-19ގެ ސަބަބުން ޗެކު ރިޕަބުލިކުގެ ޙާލަތު ގޯސްވެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަމަށް އެދެފިއެވެ.

10.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެކު ރިޕަބުލިކުގައި 1.3 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 21،325 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި ކޯވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އެ ޤައުމު ހިމެނެއެވެ. ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހެމުންދާ ޤައުމަކީވެސް ޗެކު ރިޕަބުލިކެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެ ޤައުމުގެ ކޮންމެ 100،000 މީހުންގެ ތެރެއިން 800އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.

ޗެކު ރިޕަބުލިކުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ހަސްފަތާލުތައް ފުރި ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުރަސްއެޅިފައިވުމުން ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޖަރުމަނުވިލާތާއި ސްވިޓްޒަލެންޑާއި ޕޮލެންޑުގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އެ ވުޒާރާއިން ބުނީ ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަމަށާއި ހަސްފަތާލުތަކުގައި ފަރުވާ ހޯދަން ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން 8،153 މީހުންނަށް ހަސްފަތާލުތަކުގައި ފަރުވާދެމުންދާކަމަށާއި އޭގެ ތެރެއިން 1،735 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭންޖެހޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޗެކު ރިޕަބުލިކުގެ ހަސްފަތާލުތަކުގައި ހުސްކޮށް ހުރީ އައިސީޔޫގެ 13 އިންސައްތަ އެނދެވެ. ވެރިކަންކުރާ ޕުރާގުގައި އެ ނިސްބަތް ހުރީ 5 އިންސައްތައިގައެވެ.