ޚަބަރު

އީރާނުގެ މަތިންދާބޯޓެއް ހައިޖެކު ކުރަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފި


އީރާންގެ މަތިންދާބޯޓެއް ހައިޖެކު ކުރުމަށް ބަޔަކު ކުރި މަސައްކަތް ހުއްޓުވާފައިވާކަމަށް އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނެފިއެވެ. އިރާނުގެ އިންޤިލާބީ ފައުޖުން ބުނީ އީރާން އެއާގެ ފޮކާ 100 މަރުކާގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ހައިޖެކު ކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަމަށެވެ. އެ ހާދިޘާ ހިނގާފައިވަނީ އެ މަތިންދާބޯޓު އީރާނުގެ އަހުވާޒު ސިޓީން މަޝްހާދު ސިޓީއަށް ދަތުރުކުރަމުންދަނިކޮށްކަމަށް އިންޤިލާބީ ފައުޖުން ބުންޏެވެ. އަދި ހައިޖެކު ކުރަން މަސައްކަތްކުރި މީހުން ބޭނުންވީ މަތިންދާބޯޓުގެ މަންޒިލު ބަދަލު ކުރުމަށްކަމަށްވެސް އިންޤިލާބީ ފައުޖުން ބުންޏެވެ.

އީރާނުން ބުނީ މަތިންދާ ބޯޓު ހައިޖެކު ކުރަން އުޅުމުން އެ ބޯޓު ކުއްލި ޙާލަތުގައި އެ ޤައުމުގެ އިސްފަހާން ސިޓީއަށް ޖައްސާފައިވާކަމަށެވެ. އެ ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ޤައުމުން ބުންޏެވެ. މަތިންދާބޯޓު ހައިޖެކުކުރަން މަސައްކަތްކުރީ ހަތިޔާރުއެޅި ބައެއްކަމެއް ނުވަތަ ޖިނާޢީ ކުށެއް މީގެ ކުރިން ކޮށްފައިވާ ބައެއްކަމެއް ސާފުވެފައެއް ނުވެއެވެ. އަދި އެކަން ކުރަން މަސައްކަތްކުރީ ކޮން ބައެއް ކަމެއްވެސް ނޭނގެއެވެ. ހައިޖެކު ކުރުމުގެ ހާދިޘާއެއް ނުވަތަ ޙަމަލާއަކުންވެސް އީރާނުގެ މަތިންދާބޯޓުތައް ރައްކާތެރިކުރުމަށް ކޮންމެ ދަތުރެއްގައިވެސް އިންޤިލާބީ ފައުޖުގެ ހަތިޔާރުއެޅި ފާރަވެރިއަކު ދަތުރުކުރާކަމަށް ޤަބޫލުކުރެވެއެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރުތަކުގެ ސަލާމަތީ ކަންކަމާ އިންޤިލާބީ ފައުޖުން ހަވާލުވެފައިވަނީ 1979ވަނަ އަހަރުގައި އެ ޤައުމަށް ގެނައި އިސްލާމީ އިންޤިލާބަށްފަހު ހައިޖެކު ކުރުމުގެ ގިނަ ހާދިޘާތަކަކާ ކުރިމަތިލާން ޖެހުމުންނެވެ. ހައިޖެކު ކުރުމުގެ ހާދިޘާއެއް އެ ޤައުމުގައި އެންމެ ފަހުން ހިނގާފައިވަނީ 2000ވަނަ އަހަރުއެވެ. އެ އަހަރުގެ ތެރޭގައި ހައިޖެކްކުރުމުގެ ދެ ހާދިޘާއެއް އެ ޤައުމުގައިވަނީ ހިނގައިފައެވެ.