ކުޅިވަރު

ވެލެންސިއާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗް ވެލެންސިއާ ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗް ވެލެންސިއާ ކާމިޔާބުކޮށްފިއެވެ. ވެލެންސިއާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ ދެލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ވިޔަރެއާލްއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖެރާޑް މޮރޭނޯއެވެ. މީގެއިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިޔަރެއާލްއަށް އެޓީމްގެ ލިޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޕާކޯ އަލްކަސަރއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާވަނީ ވެލެންސިއާގެ ކީޕަރ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގައި ވެލެންސިއާއިން އެއްވަރު ކުރި ލަނޑު މެޗް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާލޯސް ސޯލަރއެވެ. މި ނަތީޖާއާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ހީވި ނަމަވެސް ވެލެންސިއާއިންވަނީ މެޗްގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ މިމެޗް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގޮންސާލޯ ގުއިޑޭސްއެވެ. މިއީ މިފަހަރު ލީގުގައި ވެލެންސިއާއަށް ކާމިޔާބު ކުރެވުނު ހަތްވަނަ މެޗެވެ.

މިކާމިޔާބީއާއެކު ވެލެންސިއާއަށް ވަނީ މިހާތަނަށް ކުޅުނު 26 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް އަރާފައެވެ. އަދި ވިޔަރެއާލް އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.