ކުޅިވަރު

ލީގުން ޖާގަ ނުލިބުނަސް ކުޅުންތެރިން ޓީމް ދޫ ނުކުރާނެ: ކްލޮޕް


މިސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށް ކަށަވަރު ނުކުރެވުނަސް މުހިންމު ކުޅުންތެރިން އެޓީމް ދޫކޮށް ހިނގައިދާނެކަމަށް ގަބޫލް ނުކުރާކަމަށް ކޯޗް ޔަރގެން ކްލޮޕް ހާމަކޮށްފިއެވެ. ކްލޮޕް މިކަން ހާމަކޮށްފައިމިވަނީ މިފަހަރު ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރު ކުރެވޭގޮތް ނުވެއްޖެނަމަ މުހިންމު ކުޅުންތެރިން ތަކެއް ޓީމް ދޫކޮށް ހިނގައިދާނެކަމަށް ވަޑުފެތުރެން ފެށުމާ ގުޅިގެންނެވެ.

ކްލޮޕް ބުނީ އެންމެ ސީޒަނެއްގައި ޗެމްޕިއަންސް ލީގުން ޖާގަ ނުލިބޭއިރަށް ޓީމު ދޫކޮށް ދާނެ ކުޅުންތެރިން ލިވަޕޫލްގައި ނެތް ކަމަށާއި އެއަށް ވުރެ ރަނގަޅަށް އޭނާއަށް އޭނާގެ ކުޅުންތެރިން އިނގޭ ކަމަށެވެ. އަދި ލިވަޕޫލްގައި ތިބި ކުޅުންތެރިން ޓީމަށް އެއަށްވުރެ ވަފާތެރިކަމަށްވެސް އޭނާ ބުންޏެވެ. ލިވަޕޫލުން މިސީޒަންގައި ފަހަކަށް އައިސް ދައްކަމުންދާ ކުޅުމުގެ ސަބަބުން ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަނީ ވަރަށް ބޮޑުތަންއިތުރުވެފައެވެ. އަދި ލިވަޕޫލްވަނީ ޖެހިޖެހިގެން ފަސްވަނަ މެޗުން އަމިއްލަ ދަނޑުގައި ބަލިވެފައެވެ. އަދި މިކަމުގެ ސަބަބުން ޓީމްގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކުޅުންތެރިންގެ ހިތްހަމަ ނުޖެހުން އުޅޭކަމަށް އަޑުވަނީ ފެތުރެން ފަށާފައެވެ. އަދި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗްގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާ ދެވަނަ ހާފްގައި ބަދަލުކުރުމާއެކު އޭނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ކްލޮޕް ބުނިގޮތުގައި ޓީމް އެއް ލަނޑު ސުން ލަނޑުން ބަލިވަމުން ދަނިކޮށް އެގޮތަށް ބަދަލުކުރުމުން ކޮންމެ ކުޅުންތެރިޔަކުވެސް ހިތްހަމަ ނުޖެހޭނެ ކަމަށާއި އޭގެންވެސް އެ ދައްކުވައިދެނީ ކުޅުންތެރިޔާ ކުޅެން ބޭނުންވެފަ ޓީމަށް ކުޅެދޭން ބޭނުންވަރުކަމަށެވެ.

ކްލޮޕް ބުނީ ލިވަޕޫލަށް މިސީޒަންގައި ގިނަ ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި އަދި ނަތީޖާތައްވެސް ނިކުންނަމުންދަނީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ކުރިއަށް އޮތް ކޮންމެ ސީޒަނެއްގައިވެސް ލިވަޕޫލަށް މިގޮތް ދިމާވާނެކަން ނޫން ކަމަށާއި ލިވަޕޫލަށް މިހާރު މައްސަލަ ދިމާވިނަމަވެސް އެޓީމް އޮތީ ރަނގަޅު ހިސާބެއްގައި ކަމަށްވެސް އޭނާ ހާމަކުރިއެވެ.