ކުޅިވަރު

ޕޯޗުގީޒް ގްރޯން ޕްރީ މިސީޒަންގައި އޮންނާނެކަން ފޯމިއުލަރ ވަންއިން ހާމަކޮށްފި


ޕޯޗުގީޒް ގްރޯން ޕްރީ މިސީޒަންގައި އޮންނާނެކަމަށް ފޯމިއުލަރ ވަން އިން ހާމަކޮށްފިއެވެ. އެފް ވަންއިން މިކަން ހާމަކޮށްފައި މިވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން މިސީޒަންގެ ޕޯޗުގީޒް ގްރޯން ޕްރީ ނުބޭއްވިދާނެކަމަށް ބިރު ހީވެފައިވަނިކޮށެވެ.

އެފް ވަން އިން ހާމަކުރިގޮތުގައި މިއަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް މުރިންވެސް ހަމަޖެހިފައިވާ ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ތިންވަަނަ ރޭސް ކަމަށްވާ ޕޯޗުގީޒް ގްރޯން ޕްރީ އެތާރީހްގައި އޮންނާނެއެވެ. އަދި އެރޭހަށް ކުޅިބެލުންތެރިންނަށް ވަދެވޭނެތޯ ޕޯޗުގީޒް ގްރޯން ޕްރީ އިންތިޒާމްކުރާ ފާރާތްތަކުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ނިންމާނެއެވެ. އެފް ވަންގެ ގިނަ ޓީމްތަކެއް ގާއިމް ވެފައިވަނީ އިނގިރޭސިވުލާތުގައި ކަމަށް ވާއިރު ޕޯޗުގަލްއަކީ ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާ އެޤައުމުގެ ރެޑް ލިސްޓްގައި ހިމެނޭ ޤައުމެކެވެ. އެހެން ކަމުން އިނގިރޭސިވިލާތުން ޕޯޗުގަލްއަށް ދަތުރުކުރާ ފާރަތްތަކަށް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި މިހާރު ބެލެވޭގޮތުގައި ޕޯޗުގީޒް ގްރޯން ޕްރީއަށް ފަހު ރޭހުގައި ބައިވެރިވުމަށް ދާ އެންމެން ދެން ދަތުރު ކުރާނީ ސްޕެނިޝް ގްރޯން ޕްރީގައި ބައިވެރިވުމަށް ސްޕެއިން އަށެވެ. ސްޕެނިޝް ގްރޯން ޕްރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕޯޗުގީޒް ގްރޯން ޕްރީ ބާއްވާތާ އެއް ހަފްތާ ފަހުންނެވެ. އަދި ސްޕެއިން އިން ގިނަ ފަރާތްތަށް ދަތުރު ކުރާނެކަމަށް ބެލެވެނީ 21 މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޮނާކޯ ގްރޯން ޕްރީގައި ބައިވެރިވުމަށް މޮނާކޯއަށެވެ.

މީގެއިތުރުން އަޒަރުބައިޖާން ގްރޯން ޕްރީ މިސީޒަންގައި ބާއްވާނީ ކުޅިބެލުންތެރިން ނުވައްދާކަމަށް އެރޭސް އިންތިޒާމް ކުރާ ފާރާތްތަކުންވަނީ ހާމަކޮށްފައެވެ. އެރޭސް އިންތިޒާމް ކުރާ ފާރާތްތަކުން ހާމަކުރާގޮތުގައި ޖޫން މަހުގެ 4 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އަޒަރުބައިޖާން ގްރޯން ޕްރީ އަންނަންވާއިރަށް ރައްކާތެރިކަމާއެކު ކުޅިބެލުންތެރިން ވައްދައިގެން ބޭއްވުމުގެ އިންްތިޒާމްތައް ހަމަޖައްސަށް ވަގުތު ވަރަށް ކުޑަތަން ވެފައިވާ ކަމަށާއި އެހެން ކަމުން މިސީޒަންގެ ރޭސް ބޭއްވޭނީ ކުޅިބެލުންތެރިންނާއި ނުލާކަމަށެވެ.

ފޯމިއުލަރ ވަން އިން މިފަހަރުގެ ސީޒަން އިންތިޒާމް ކޮށްފައިވަނީ މިހާތަނަށް ބޭއްވޭ އެންމެދިގު ސީޒަނަށް ހެދުމުގެ މަޤްސަދުގައެވެ. މިގޮތުން މިފަހަރުގެ ސީޒަންގައި 23 ރޭސް ބޭއްވުމަށްވަނީ ނިންމާފައެވެ.