ކުޅިވަރު

ފުޓުބޯޅައިގެ ހޭންޑްބޯލް ގަވާއިދަށް ބައެއް ބަދަލުގެނެސްފި


ފުޓްބޯޅައިގަ ގޯލެއް ޖަހާ ވަގުތު އަމިއްލަ އަތުގައި ނުވަތަ ބައިކުޅުންތެރިއެއްގެ އަތުގައި އޮޅިގެން ބޯޅަ ޖެހުމުން އެއީ ލަނޑަކަށް ނުބަލާ ގަވާއިދަށް އިންޓަރނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން ބޯޑުން ބަދަލު ގެނެސްފިއެވެ. އެބޯޑުން މިގަވާއިދަށް ބަދަލު ގެނައީ އެފަދަ ހާލަތްތަކުގައި ހޭންޑްބޯލް މާނަކުރުމުގައި ރެފްރީންގެ މެދުގައި އެއްގޮތެއް ދެމެހެއްޓެމުން ނުދާތީއެވެ.

އައި.އެފް.އޭ.ބީ. އިން މިގެނައި ބަދަލާއެކު މިހާރު ގޯލެއް ޖަހަން އުޅުމުގެ ތެރޭގައި އޮޅިގެން ބޯޅައިގައި އަތް ޖެހުނު ނަމަވެސް އެއީ ލަނޑަކަށް ބެލެވޭނެއެވެ. ނަމަވެސް އަނެއްކާވެސް އުފެދޭ ސުވާލަކީ މިގޮތަށް ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ރެފްރީން އެބޯޅައިގާ ކުޅުންތެރިޔާގެ އަތް ޖެހުނީ ތޯ ނުވަތަ ގަސްދުގައި އަތް ޖެއްސީތޯ މާނަކުރާނީ ކިހިނެތްތޯ މިއީ ގިނަބައެއްގެ މެދުގައި އުފެދޭ ސުވާލެކެވެ.

އައި.އެފް.އޭ.ބީ.އިން މިގަވާއިދަށް ބަދަލު ގެނެސްފައި މިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގައި ފުލަމް އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗްގައި ފުލަމްއިން ޖެހި ލަނޑެއް ބައި ކުޅުންތެރިއެއްގެ އަތުގައި ގޯލް ޖެހުމުގެ ކުރިން ޖެހުމާއި ގުޅިގެން ލަނޑަކަށް ނުބެލުމުގެ ހާދިސާ ދިމާވިތާ އެއް ދުވަސް ފަހުންނެވެ.

އައި.އެފް.އޭ.ބީ. އިން ހޭންޑް ބޯލް ގަވާއިދަށް މިސީޒަނާއި ދިމާކޮށް ގެނައި ބަދަލުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ދިޔައީ އެގަވާއިދަށާއި ރެފްރީންގެ ނިންމުންތަކަށް އަމާޒު ކުރެވެމުންނެވެ. އަދި ޔޫރަޕްގެ ބައެއް ލީގުތަކުގައި ރެފްރީން އެގަވާއިދު މާނަކުރުމުގައި ކޮންމެވެސް ވަރަކަށް ލުއި ގޮތްތަކެއް ގެންގުޅުމުގެ އިޚްތިޔާރު އެޤައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުންވަނީ ދީފައެވެ. ނަމަވެސް ހޭންޑް ބޯލް މާނަކުރުމުގައި ރެފްރީންގެ މެދުގައި ތަފާތުތަކެއް ހުރިކަން ފާހަގަވެގެން ގޮސްފައިވެއެެވެ.

އައި.އެފް.އޭ.ބީ. އިން ހޭންޑް ބޯލް ގަވާއިދަށް ބަދަލު ގެނައި ނަމަވެސް ބެލެވޭގޮތުގައި ގިނަ ލީގުތަކުން މިގަވާއިދަށް އަމަލުކުރަން ފަށާނީ މިއަންނަ ސީޒަނުން ފެށިގެންނެވެ. އެހެން ކަމުން މިސީޒަންގައި އޮޅިގެން އަތުގައި ޖެހޭ ބޯޅަ ތަކުގައި އަދި ބަލާނީ ހޭންޑް ބޯލެއްގެ ގޮތުގައެވެ. މީގެއިތުރުން ކުރިއަށް އޮތް ސީޒަނަށް އޮފްސައިޑް ގަވާއިދަށްވެސް ބަދަލުތަކެއް ގެނައުމަށް އައި.އެފް.އޭ.ބީ. އިން އަންނަނީ ވިސްނަމުންނެވެ.