ކުޅިވަރު

އޯލްސްޓަރ ގޭމްގައި ވާދަކުރާ ދެޓީމުގެ ކުޅުންތެރިން އެކުލަވާލައިފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން ކޮންމެ އަހަރަކު ބާއްވާ އެންމެ ފާހަގަ ކޮށްލެވޭ މެޗް ކަމަށްވާ އޯލްސްޓަރ ގޭމްގައި މިފަހަރު ވާދަކުރާ ދެޓީމް އެކުލަވާލައިފިއެވެ. މިފަހަރުގެ އޯލްސްޓަރ ގޭމްގައި އީސްޓަން ކޮންފަރެންސް ތަމްސީލް ކުރަނީ ކެވިން ޑުރާންޓްގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޓީމެވެ. އަދި ވެސްޓަން ކޮންފަރެންސް ތަމްސީލް ކުރަނީ ލެބްރޮން ޖޭމްސްގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޓީމެވެ.

ޓީމް ޑުރާންޓާއި ޓީމް ލެބްރޮންގެ ޓީމަށް ކުޅުންތެރިން ހޮވުމަށްޓަކައި ބޭއްވި އެން.ބީ.އޭ. އޯލްސްޓަރ ޑްރާފްޓްގައި ދެޓީމްގައި ފައްޓާނެ ފަސް ކުޅުންތެރިންނާއި ރިޒާވްގައި ތިބޭނެ ކުޅުންތެރިން ވަނީ ހޮވާފައެވެ. މިގޮތުން ޓީމް ލެބްރޮންގެ ޓީމްގައި މެޗް ފަށާ ކުޅުންތެރިންގެ ގޮތުގައި ނަގާފައިވަނީ މިލްވައުކީ ބަކްސްގެ ފޯވަޑް ޖިއާނިސް އެންޓެޓޮކޮއުންޕޯ އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސްގެ ގަރޑް ސްޓެފެން ކަރީ އާއި ޑެލަސް މެވްރިކްސްގެ ގަރޑް ލޫކާ ޑޮންޗިޗް އަދި ޑެންވަރ ނަގެޓްސްގެ ސެންޓަރ ނިކޮލާ ޖޮކިޗްއެވެ. އަދި ރިޒާރވުންގެ ގޮތުގައި ނަގާފައިވަނީ ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސްގެ ގަރޑް ޑެމިއަން ލިލާޑް، ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްގެ ގަރޑް ބެން ސައިމަންސް، ފީނިކްސް ސަންސްގެ ގަރޑް ކްރިސް ޕޯލް، ބޮސްޓަން ސެލްޓިކްސްގެ ގަރޑް ޖޭލެން ބްރައުން، ލޮސް އެންޖަލިސް ކްލިޕަރސްގެ ފޯވަޑް ޕޯލް ޖޯޖް، އިންޑިއާނާ ޕޭސަރސްގެ ފޯވަޑް ޑޮމަންޓާސް ސަބޮނިސް އަދި ޔޫޓާ ޖޭޒްގެ ސެންޓަރ ރޫޑީ ގޮބަރޓްއެވެ. ޓީމް ލެބްރޮންގެ ކޯޗަކަށް ހުންނާނީ ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި މިވަގުތު އުޅޭ ޖޭޒްގެ ކޯޗް ކުއިން ސްނައިޑަރއެވެ.

ޓީމް ޑުރާންޓްގައި މެޗް ފަށާ ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ ބްރޫކްލިން ނެޓްސްގެ ގަރޑް ކައިރީ އަރވިންގ އާއި ސެވަންޓީ ސިކްސަރސްގެ ސެންޓަރ ޖޮއެލް އެމްބިޑް އާއި ކްލިޕަރސްގެ ފޯވަޑް ކައުހީ ލިއޮނާޑް އާއި ވޮޝިންގޓަން ވިޒަޑްސްގެ ގަރޑް ބްރެޑްލީ ބީލް އަދި ސެލްޓިކްސްގެ ފޯވަޑް ޖޭސަން ޓަޓުމްއެވެ. އަދި ރިޒާވުންގެ ގޮތުގައި ނަގާފައިވަނީ ނެޓްސްގެ ގަރޑް ޖޭމްސް ހާޑެން، ސަންސްގެ ގަރޑް ޑެވިން ބޫކަރ، ނިއުއޯލިއަންސް ޕެލިކަންސްގެ ފޯވަޑް ޒިއޮން ވިލިއަމްސަން، ޝިކާގޯ ބުލްސްގެ ގަރޑް ޒެކް ލެވީން، ނިއުޔޯކް ނިކްސްގެ ފޯވަޑް ޖޫލިއަސް ރެންޑްލް، އޯލާންޑޯ މެޖިކްގެ ސެންޓަރ ނިކޮލާ ވުސެވިޗް އަދި ޖޭޒްގެ ގަރޑް ޑޮނޮވަން މިޝޭލްއެވެ. ޓީމް ޑުރާންޓްގެ ކޯޗަކަށް ހުންނާނީ އީސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ސެވަންޓީ ސިކްސަރސްގެ ކޯޗް ޑޮކް ރިވަރސްއެވެ.

މިފަހަރުގެ އޯލްސްޓަރ ގޭމްއަށް ދެޓީމްގެ ކުޅުންތެރިން ނެގުމުގައި ދެ ކެޕްޓަނުންވެސް ވަކި ކޮންފަރެންސަކަށް އަދި ވަކި މަގާމަކަށް ކުޅޭ ކުޅުންތެރިންނަކަށް ބަލާފައެއް ނުވެއެވެ. އަދި އަނިޔާގެ ސަބަބުން ޑުރާންޓަށް މިމެޗްގައި ނުކުޅެވޭތީ ޓީމް ޑުރާންޓްގައި އިތުރު ދެ ކުޅުންތެރިޔަކުވަނީ ހިމަނާފައެވެ. މިފަހަރުގެ އޯލްޓަރ ގޭމްގައި ލެބްރޮން ޖޭމްސް އާއި ސްޓެފަން ކަރީ އެއް ޓީމަކަށް ކުޅޭތަން ފުރަތަމަ ފަހަރަށް ފެނުމުގެ ފުރުސަތު ލިބިގެންދާނެއެެވެ. މިއީ ވަރަށް ގިނަ ބަޔަކު ބަލާލަށް ބޭނުންވާނެ ކޮމްބިނޭޝަނެއް ކަމުގައި ބެލެވެއެވެ. ހަމައެއާއެކު މިދިޔަ ސީޒަންގެ އޯލްސްޓަރ ގޭމްގައި ޓީމް ލެބްރޮން އާއި ދެކޮޅަށް ނުކިން ކެޕްޓަން ކަމަށްވާ ޖިއާނިސްވެސް މިވަނީ ލެބްރޮން ޓީމްގައި ހިމެނިފައެވެ. ޓީމް ޑުރާންޓަށް ބަލާއިރު ޑުރާންޓްވަނީ އޭނާއާ އެއް ޓީމަކަށް ކުޅޭ ދެކުޅުންތެރިން ކަމަށްވާ އަރވިންގ އާއި ހާޑެން އޭނާގެ ޓީމަށް ނަގާފައެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުގެ އޯލްސްޓަރ ގޭމްވެސް ރާވާފައިވަނީ ދެ ކޮލެޖަކަށް މި އިވެންޓުން ލިބޭ ފައިސާ ހަދިޔާ ކުރާ ގޮތަށެވެ. މިގޮތުން ޓީމް ލެބްރޮން ކުޅޭނީ ތަރގުޑް މަރޝަލް ކޮލެޖް ފަންޑަށް އެހީވުމަށެވެ. އަދި ޓީމް ޑުރާންޓް ކުޅޭނީ ޔުނައިޓެޑް ނެގްރޯ ކޮލެޖް ފަންޑަށް އެހީވުމަށެވެ. މިގޮތުން މިދެފަންޑަށް އެކެއް ޕޮއިންޓް ހަތެއް ފަހެއް މިލިއަން އެމެރިކާ ޑޮލަރު ބެހޭގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ފަންޑަކަށްވެސް ފަސް ލައްކަ ޑޮލަރު ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ތިން ކްއާޓަރގެ ތެރެއިން ކޮންމެ ކްއާޓަރއެއް ނިމޭއިރު ކުރީގައި އޮންނަ ޓީމެއް ތަމްސީލް ކުރާ ފަންޑަށް ސަތޭކަ ފަންސާސް ހާސް ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ހަތަރު ވަނަ ކްއާޓަރ ނިމޭއިރު މެޗް ކާމިޔާބު ކުރާ ޓީމެއް ތަމްސީލް ކުރާ ފަންޑަކަށް އިތުރު ތިންސަތޭކަ ހާސް އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

70 ވަނަ އެން.ބީ.އޭ. އޯލްޓަރ ގޭމް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު ހައެއް ޖަހައިރުއެވެ. އަދި މެޗްގެ ކުރިންނާއި ހާފްގަޑީގައި ސްކިލްސް ޖެލެންޖާއި 3 ޕޮއިންޓަރ ކޮންޓެސްޓް އަދި ސްލޭމް ޑަންކް މުބާރާތް އޮންނާނެއެވެ. މަޢުލޫމާތު ލިބޭގޮތުގައި މިމެޗް ދުނިޔޭގެ އެކިކަންކޮޅުތަކުގައި 215 ޤައުމެއްގައި ފަންފާސް ބަހުން ވަގުތުން ދުރަށް ދައްކާނެއެވެ.