ޚަބަރު

މިއަހަރު ރ.އަތޮޅުގެ 13 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމް ހަރުކުރަން ފަށަނީ


ރ.އަތޮޅުގެ 13 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރ.އަތޮޅުގެ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް މިމަހު އިޢުލާން ކުރައްވާނެކަމަށެވެ.

އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު މިއަހަރު 61 ރަށެއްގައި ފެށުމަށް ނިންމަވާފައިވާކަން ސަރުކާރުން މީގެކުރިން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢު 61 ރަށެއްގައި ފެށުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ރާއްޖޭގެ 26 ރަށެއްގައި އަންނަނީ އަވިން ކަރަންޓު އުފައްދަމުންނެވެ.

ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ރ. އަތޮޅުގެ 13 ރަށެއްގައި މިއަހަރު 3.9 މެގަވޮޓުގެ ސޯލާ ޕެނަލްތައް ހަރުކުރާނެކަމަށެވެ. މިގޮތުން އަވިން ކަރަންޓު އުފެއްދުމަށް ކުރިއަށްގެންދާ މަޝްރޫއުގައި ރ. އަލިފުށީގައި 400 ކިލޯވޮޓުގެ ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވާއިރު މިއާއެކު ޕީކް ލޯޑުގައި ބޭނުންކުރާ ކަރަންޓުގެ 85 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވާނެއެވެ.

ރ.ރަސްކަތީމްއާއި އަނގޮޅިތީމްއާއި ފައިނުގައި 250 ކިލޯވޮޓުގެ ސޯލާ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު އެރަށްތަކުގައި ބޭނުންކުރާ ކަރަންޓު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުދުއްފާރުގައި 250 ކިލޯވޮޓުގެ ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޕީކްގަޑީގައި ބޭނުންކުރާ ކަރަންޓުގެ 90 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެން ދާނެއެވެ. އެއަތޮޅު މާކުރަތުގައި 175 ކިލޯވޮޓުގެ ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވެއެވެ. އެއާއެކު އެރަށުގައި ޕީކްގަޑީގައި ބޭނުންކުރާ ކަރަންޓުގެ 84 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެއެވެ.

އިންނަމާދޫއާއި އިނގުރައިދޫގައި ޤާއިމްކުުރުމަށް ހަމަޖެހިފައިވާ 350 ކިލޯވޮޓުގެ ސޯލާއާއެކު އެރަށުގައި ބޭނުންކުރާ ކަރަންޓު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެން ދާނެއެވެ. މަޑުއްވަރީގައި 400 ކިލޯވޮޓުގެ ސޯލާ ހަރުކުުރުމަށް ހަމަޖެހިފައިވާއިރު އެރަށުގެ 85 އިންސައްތަ ކަރަންޓު ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތައެވެ. އެއަތޮޅު މީދޫގައި 450 ކިލޯވޮޓުގެ ސޯލާރ ހަރުކުރުމާއެކު 79 އިންސައްތަ ކަރަންޓު ބޭނުންކުރަމުންދާނީ އިޔާދަކުރަނިވި ހަކަތައެވެ.


ކަރަންޓު އުފެއްދުމުގައިވެސް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، 26 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ 2.86 މެގަވޮޓުގެ ސޯލާ ޕެނަލްތައް މިދިޔައަހަރު ވާނީ ޤާއިމުކޮށްފައެވެ. އިތުރު 61 ރަށެއްގައި މި ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ދަށުން ޖުމްލަ 36 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިދިޔަ 2 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 3 ގުނަ އިތުރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން މިހާތަނަށް ޤާއިމުކުރި އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގެ ސަބަބުން، މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން އަހަރަކު 72871 ޓަނު މަދުވެގެންދާނެއެވެ. މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައި ހުރި 31.5 މެގަވޮޓް ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން، އިންޖީނުގެތަކުގެ ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.