ޚަބަރު

ޕައިލެޓުންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނަން: މޯލްޑިވިއަން


މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން މެނޭޖްމަންޓުން ދެއްވާފައިވާކަމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިކަން ހާމަކޮށްފައި މިވަނީ، މޯލްޑިވިއަންގެ ބައެއް ސީ ޕްލޭން ޕައިލެޓުން މިއަދު މަސައްކަތަށް ނިކުންނަން ދެކޮޅު ހަދައި، އިހްތިޖާޖުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޕައިލެޓުން އިހްތިޖާޖުކޮށްފައިވަނީ މޯލްޑިވިއަންގެ ޗީފް ޕައިލެޓުގެ މަގާމުގައި ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެމަގާމުން ވަކި ކުރުމުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.

ޕައިލެޓުންގެ އިހުތިޖާޖާއި ގުޅޭގޮތުން މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ ޕައިލެޓުންގެ ކަންބޮޑުވުންތައް މެނޭޖްމަންޓާއި ހިއްސާކޮށް، ޕައިލެޓުން އެނބުރި މަސައްކަތަށް ނިކުމެފައިވާކަމަށެވެ. އަދި މެނޭޖްމަންޓުން ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއަހާ ޙައްލުކުރަން ހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.