ޚަބަރު

އިސްރާއީލުން ހިންގާފައިވާ ޖަރީމާތައް ބެލުމާމެދު އެމެރިކާއިން ދެކޮޅު


އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީގައި އިސްރާއީލާ ދެކޮޅަށް ބަލަމުންދާ މައްސަލަތަކަށް އެމެރިކާއިން ތާއީދު ނުކުރާކަމަށް އެ ޤައުމުން ބުނެފިއެވެ.

މާރިޗު މަހުގެ 3ވަނަ ދުވަހުގައި އައިސީސީއިންވަނީ އިސްރާއީލުގެ ފަރާތުން ފަލަސްޠީނުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ތަހުޤީޤެއް ފަށައިފައެވެ. އަދި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކަކީ އެ ކޯޓުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެ ކޯޓުންވަނީ ކަނޑައަޅައިފައެވެ. އަދި އެ ކޯޓުން ކުރާނީ މިނިވަން އަދި އިންސާފުވެރި ތަހުޤީޤެއްކަމަށްވެސްވަނީ ބުނެފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ދެބޭފުޅުން ފުރަތަމަ ފަހަރަށް ފޯނު މެދުވެރިކޮށް ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވީ ފަލަސްޠީނުގައި އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް އައިސީސީން ކުރަމުންދާ ތަހުޤީޤާމެދު އެމެރިކާއިން ހިތްހަމަ ނުޖެހޭކަމަށެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި ސަރަޙައްދީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި ޚާއްޞަކޮށް އީރާނުގެ ނިއުކުލިއަރ މަޝްރޫޢުއާ ގުޅޭ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވަނީ އަރުވައިފައެވެ. އަދި އިސްރާއީލުގެ ސަލާމަތީ ކަންކަމަށް އެމެރިކާއިން އަބަދުވެސް ވާގިވެރިވާނެކަމަށް ހެރިސްވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބުލިންކެންވެސްވަނީ އިސްރާއީލާ ގުޅޭ މައްސަލައެއް ބެލުމަށް އައިސީސީން ނިންމާފައިވާތީ އެކަމާ އެމެރިކާއިން ހިތްހަމަ ނުޖެހޭކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އައިސީސީގެ އިހްތިޞާސްގެ ތެރޭގައި އިސްރާއީލު ހިމެނުމަށް އިސްރާއީލުން ޙުއްދަ ދީފައި ނުވާކަމަށާއި އިސްރާއީލާ ގުޅޭ ކަންކަމުގެ ތެރެއަށް އައިސީސީން ވަނުމަށް މަސައްކަތް ކުރާތީ އެކަމާމެދު ހިތްހަމަނުޖެހޭކަމަށެވެ.