އިޓާލިއަން ސެރީއާގައި އިންޓަރ މިލާނާއި ޕާރމާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި އިންޓަރއިން 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ޕާރމާގެ ދަނޑުގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ޕާރމާއިން ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފެއްދި ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވާލާފައިވަނީ އިންޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ އިންޓަރގެ އެލެކްސިސް ސަންޗޭޒްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗްގެ 62 ވަނަ މިނެޓްގައި ޖަހައިދިނީވެސް ސަންޗޭޒްއެވެ. މިމެޗްގައި ޕާރމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ އަޒެވޭޑޯ ޖޫނިއަރއެވެ.
މިކާމިޔާބީއާއެކު އިންޓަރއަށް މިވަނީ ޕޮއިންޓް ތާވަލްގައި 6 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 25 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކުއެވެ. އެންމެ ގާތުން ވާދަކުރާ އޭ.ސީ. މިލާނަށް ލިބިފައިވަނީ 25 މެޗުން 53 ޕޮއިންޓެވެ. އަދި ވެތުވެދިޔަ 9 ސީޒަންގެ ޗެމްޕިއަން ޔުވެންޓަސް އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕާރމާ އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.