ކުޅިވަރު

ލިވަޕޫލް ބަލިކޮށް ތާވަލްގެ ހަތަރުވަނައަށް ޗެލްސީ


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ތާވަލްގެ ހަތަރުވަނަށް ޗެލްސީ އަރައިފިއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލުން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ޖެހީ މޭސަން މައުންޓްއެވެ. މިމެޗްގައި ލިވަޕޫލަށް ޗެލްސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މިއީ އަމިއްލަ ދަނޑުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިވަނީ ތާވަލްގެ ހަތަރު ވަނައަށް އަނެއްކާވެސް އަރާފައެވެ. އެއީ ކުޅުނު 27 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކުއެވެ. ޗެލްސީގެ ކޯޗް ކަމާއި ތޯމަސް ޓުޗެލް ހަވާލުވިފަހުން އެޓީމް މިހާތަނަށް ކުޅުނު 10 މެޗުން ބަލިވެފައެއް ނުވެއެވެ. އަދި މިއީ އެންފީލްޑްގައި ޓުޗެލްއަށް ހޯދުނު ފުރަތަމަ ކާމިޔާބީއެވެ. މީގެކުރިން ބޮރޫޝިއާ ޑޯޓްމުންޑާއި ޕީއެެސްޖީ ގޮވައިގެން އައިސް ކުޅުނު ދެމެޗް ލިވަޕޫލްވަނީ ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ބުނީ މިމެޗްގައި އޭނާގެ ޓީމްގެ ފަރާތުން ފެނުނު ކުޅުން ގޯސް ނޫން ކަމަށާއި ދެޓީމްގެ ފަރާތުން ފެނުނީ ހަމަހަމަކުޅުމެއް ކަމަށެވެ. މިގޮތުން އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން ޗެލްސީގެ ކުޅުންތެރިންނަށް ގޯސް ހެދުނު އިރު ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުމުގެ ސަބަބުން އޭނާގެ ޓީމަށްވެސް ގޯސް ހެދުނު ކަމަށެވެ. ނަމަވެސް ތަފާތަކަށްވީ އެޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއިރު އޭނާގެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުންކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ޑިފެންޑަރ އެންޑީ ރޮބަޓްސަން ބުނީ ލިވަޕޫލަށް މާޒީއަށް ބަރޯސާ ވެވެން ނެތް ކަމަށާއި ލިވަޕޫލްގެ ފަރާތުން މިހާރު ފެންނަމުންދާ ކުޅުން މިވަނީ ވަރަށް ބޮޑު ތަނުން ދައްވެފައިކަމަށެވެ. ލިވަޕޫލް މިވަގުތު ވަނީ ކުޅުނު 27 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ވެއްޓިފައެވެ. އަދި މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.