ކުޅިވަރު

ޕްރިމިއަރ ލީގު ތާވަލްގެ އަށްވަނައަށް ޓޮޓްނަމް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ފުލަމް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ. ފުލަމްގެ ދަނޑު ކްރެވެން ކޮޓޭޖްގައި ކުޅުނު މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފުލަމްއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖެހީ ސްޕަރސްއެވެ. މިލަނޑަކީ ފުލަމްގެ ޓޮސިން އަޑެރަބައޯޔޯގެ ފައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ފުލަމްއިންވެސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެޓީމްގެ މާޖާ ލަނޑު ޖެހުމުގެ ކުރިން ފުލަމްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ލެމީނާ އަތުގައި ބޯޅަ ޖެހުނުކަމަށް ވީއޭއާރުން ބެލުމަށްފަހު ނިންމުމުން މިލަނޑު ގަބޫލް ކޮށްފައެއް ނުވެއެވެ. ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދާ ފުލަމްއިން ފަހަކަށް އައިސް މެޗްތަކުގައި ކޮޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ނުހިފުމެވެ.

މިކާމިޔާބީއާއެކު ޓޮޓްނަމް މިހާރުވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި ފުލަމްއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މިމެޗުގައި އޭނާގެ ޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބުނު ކަމަށާއި ނަތީޖާ މިއަށްވުރެ ރަނގަޅު ކުރެވުނީސް ކަމަށެވެ.
މިމެޗުން ބަލިވުމުން ފުލަމް މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. ތާވަލްގެ 17 ވަނައިގާ އުޅޭ ނިއުކާލްސް އާއި ފުލަމް އާއި ދެމެދު މިހާރު އޮތީ 3 ޕޮއިންޓްގެ ތަފާތުކަމުން ރެލިގޭޝަނުން ސަލާމަތް ވުމުގެ ފުރުސަތު ފުލަމްއަށް އެބައޮތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފުލަމްގެ ކޯޗު ސްކޮޓް ޕާރކަރ ހާމަކުރިގޮތުގައި މިމެޗުން އޭނާގެ ޓީމަށް އެއްޕޮއިންޓް ނަމަވެސް ލިބުން ހައްގު ކަމަށެވެ.