ކުޅިވަރު

ބަކްސް އާއި ގްރިޒްލީސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބަކްސް ކާމިޔާބުކުރީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 112 ޕޮއިންޓް 111 ޕޮއިންޓުންނެވެ.

މި މެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދިން ޖާ މޮރާންޓްއެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 132 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް އެޓީމަށް ހޯދައިދީ 19 އެސިސްޓް ދިން ކައިލް ލޯރީއެވެ. މީގެއިތުރުން ވޮޝިންގޓަން ވިޒަޑްސްއާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 117 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. މިމެޗްގައި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 11 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްގެ ކައުހީ ލިއޮނާޑްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައ ކުޅުނު އެހެން މެޗްތަކުގެ ނަތީޖާއަށް ބަލާލާއިރު ނިއުޔޯކް ނިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 104 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު ޑެންވަރ ނަގެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. އަދި މައޭމީ ހީޓް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 93 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 107 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑަރއެވެ.