ޚަބަރު

މިޔަންމާގެ ބަޢާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުއްވެރިކޮށްފިއެވެ.

މިޔަންމާގައި ކުރި ބަޣާވާތް ދިވެހި ސަރުކާރުން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ވިދަޅުވެފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށެވެ.

މީގެ އިތުރުން ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި ބާޔާނުގައި ވަނީ އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.